އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ 3 ބައިކުޅަ 1 ބަޔަށްވުރެ ގިނަ އަދަދެއްގެ އެމެރިކާ ސިފައިން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިރާގުން ބާލާނެ ކަމަށް އެމެރިކާގެ މެދުއިރުމަތީ އިސް ކޮމާންޑާރު ޖެނެރަލް ކިނެތް މެކްންޒީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެނެރަލް މެކެންޒީ ވިދާޅުވީ، މިމަސް ނިމޭއިރު، އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުގެ މެމްބަރުންގެ އަދަދު، 5200 އިން 3000 އަށް މަދު ކުރެވޭނެ ކަމަށެވެ.

އިރާގުގައި މަޑުކުރާ އެމެރިކާގެ އަސްކަރީ ފައުޖަކީ، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި އިރާގުގެ ސަލާމަތީ ބާރުތަކަށް ލަފާ ދިނުމަށާ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް މަޑުކުރާ ފައުޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބާލާނެ ކަމުގެ ޔަގީންކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތަކުރާރު ކުރެއްވި މިދިޔަ މަހުއެވެ. ނިމުމެއް ނެތް ހަނގުރާމަތަކުން އެމެރިކާ އެއްކިބާވުމަކީ، 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ޓްރަމްޕް ޕްރޮމޯޓް ކުރެއްވި ވައުދުފުޅެކެވެ.

މީގެ އިތުރުން، އެމެރިކާގެ ޑްރޯން ހަމަލާއެއްގައި، އީރާނު އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ، އިރާގުގެ ވެރިރަށް ބަގުދާދުގައި އަވާހަރަކޮށްލި ހާދިސާއަށްފަހު، އެމެރިކާ ސިފައިން އިރާގުގައި ތިބުމާ މެދު، އެމެރިކާއާއި އިރާގާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.