ސައުދީ އަރަބިއްޔާއިން އެދެނީ ފަލަސްތީނުގެ މައްސަލައަށް، އިންސާފުވެރި އަދި ދާއިމީ ހައްލެއް ލިބިގެން ދިއުން ކަމަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދަންނަވައިފިއެވެ.
ސައުދީ އަރަބިއްޔާއަކީ ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް 2002 ވަނަ އަހަރު އެކުލަވާޅި އަރަބް ޕީސް އިނިޝިއޭޓިވްގެ މޭސްތިރިއެވެ.
ފަލަސްތީނުގެ މައްސަލާގައި ދެކެވަޑައިގަންނަވާ ބޭނުންފުޅުވާ މަންޒަރާ ބެހޭ ގޮތުން ސަލްމާން ރަސްގެފާނު، ޓްރަމްޕާ ވާހަކަފުޅު ދެއްކެވީ، 2 ގައުމުގެ ލީޑަރުންގެ މެދުގައި ޓެލެފޯނު މެދުވެރިކުރައްވާ، ކުރިއަށް ގެންދެވި މަޝްވަރާތަކެއްގައެވެ.
ސައުދީ އަރަބިއްޔާއާއި އެމެރިކާގެ އެންމެ އިސް ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، އެމެރިކާގެ އިސް ނެގުމުގެ ދަށުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި ކުރުމުގެ މައުލޫ ހިމެނެއެވެ.
މި ފޯނު ކޯލުގައި ސަލްމާން ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ސުލްހައަށް އެމެރިކާ ދެމުންދާ އެއްބާރުލުން ބަލައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ހައްލު ބޭނުންފުޅު ވަނީ، އަރަބް ޕީސް އިނިޝިއޭޓިވްގެ މައްޗަށް ބިނާކޮށް، އެކުލަވާލެވޭ އިންސާފުވެރި އަދި ދާއިމީ މޭރުމަކުން ކަމަށްވެސް ސަލްމާން ރަސްގެފާނު ވަނީ ޓްރަމްޕަށް ދަންނަވާފައެވެ.
އަރަބް ޕީސް އިނިޝިއޭޓިވްގެ އަސާސްތައް ބަރޯސާ ވަނީ، 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށްފަހު އިސްރާއީލުން ބިންތައް ފޭރިގަތުމުގެ ކުރިން، ފަލަސްތީނުގެ މިލްކިއްޔާތުގައި އޮތް ބިންތައް ފަލަސްތީނަށް ލިބިދެނިވި މޭރުމަކުން އިސްރާއީލުން އަމަލު ކުރުމުގެ ބަދަލެއްގެ ގޮތުގައި، ގައުމުތަކުން އިސްރާއީލާއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރުމުގެ މައްޗަށެވެ.
އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއިން، ވަކި ގައުމެއްގެ ގޮތުގައި އިސްރާއީލު ބަލައިގެންފައެއް ނުވެއެވެ.
އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކޮށްފައިވާ އަރަބި ގައުމުތަކުގެ ލިސްޓުގައި އަދި ހިމެނެނީ ޔޫއޭއީގެ އިތުރުން މިސްރާއީ އުރުދުން އެކަންޏެވެ. ނަމަވެސް މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއުގައި އެމެރިކާގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖެރާޑް ކުޝްނާ ވަނީ، މިލިސްޓަށް ގައުމުތަކެއް އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.