އޯގަސްޓް މަހުގެ 4 ވަނަ ދުވަހު، ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި ވަރުގަދަ ގޮވުމާއެކު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައިވެސް އަދިވެސް މީހަކު ދިރިއޮތް ކަމަށް ކުރެވުނު އުއްމީދުގެ އަލިކަން، ފަނޑުވާން ފަށައިފިއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ފުރާނަހުރި މީހަކު އޮތް ކަމަށް ބަލާ، ރެސްކިއު ޓީމުތަކުން ފާއިތުވީ 2 ދުވަހު މަސައްކަތް ކުރަމުންދިޔައީ، ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކުއްތާއެއް އެފަދަ އިޝާރާތެއް ކުރުމުންނެވެ. ބުދަ ދުވަހާ، ބުރާސްފަތި ދުވަހުވެސް ކުއްތާގެ ފަރާތުން އެ އިޝާރަތް، ހަމަ އެއް ދިމާލަކުން ލިބުނު ކަމަށްވެއެވެ. އޭގެ ފަހުން ސެންސާ އިކުއިޕްމަންޓް ބޭނުން ކުރުމުން އިންސާނެއްގެ ހިތް ހިނގާ އުސޫލުން ވިންދުޖަހާކަން ދެނެގަނެވުނެވެ.

ޗިލީގެ ރެސްކިއު ޓީމުގެ އިސްވެރިޔާ ފްރާންޗެސްކޯ ލެމާންޑާ ވިދާޅުވީ، ވެއްޓިފައިވާ އިމާރާތްތަކުގެ 3 މީޓަރު އަޑިން، އިންސާނަކު ވަރަށް ލަސްލަހުން ނޭވާލާކަންވެސް ފާހަގަ ކުރެވިފައިވާކަމަށެވެ. ނަމަވެސް، އެތަނުގައި މީހަކު ދިރި އެބައޮތްކަން ނުވަތަ ނޫންކަން ކަނޑައަޅަން އަދި އަވަސްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ހުކުރު ދުވަހާ ހިސާބަށް އާދެވުނުއިރު، ހިތުގެ ހިނގުން ލަސްވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އާންމު ދިރިއުޅުނު އިމާރާތްތަކެއް ހުރި މި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޗިލީގެ ޓީމުން 2 ވަނަ ދުވަހުގެ މަސައްކަތްވެސް ނިންމާލީ އެއްވެސް ވަރެއްގެ ކުރި އެރުމެއް ނުލިބިއެވެ. އެންމެ ފަހުން ހެދި ޓެސްޓުތަކުން، އެއްވެސް ވަރެއްގެ ސިގްނަލެއް ނުލިބޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހުކުރު ދުވަހުގެ ރޭ، މަސައްކަތްތައް މެދުކަނޑާލިއިރު އެއްވެސް މީހެއްގެ ހިލަމެއް ވެފައި ނުވާއިރު، މިއަދު އަނެއްކާވެސް މަސައްކަތް ފަށާނެ ކަމަށް ޚަބަރު ލިބެއެވެ.

މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ގޮވުމަށް 1 މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން ބެއިރޫތުގައި ހުކުރު ދުވަހު ވަނީ، ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވައިގެން ހިނގި މި ހާދިސާގައި 200 އެއްހާ މީހުން މަރުވިއިރު، އިތުރު އެތައް ހާށް ބަޔަކު ޒަހަމްވިއެވެ.