ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި އަނެއްކާވެސް ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދުގެ ހާދިސާ ހިނގާފައި މިވަނީ، ގިނަ އަދަދަކަށް އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވާ، މުޅި ދުނިޔެ ސިއްސުވާލި ހިތާމަވެރި ހާދިސާއަށް މަހަކާ ދުވަސްކޮޅެއް ފުރުނު ފަހުންނެވެ.

މިއަދުގެ ހަދިސާ ހިނގަން މެދުވެރިވީ ކީއްވެކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު، މިފަހަރުގެ ހާދިސާއަކީވެސް ކުޑަ ހާދިސާއެއް ކަމަށް ބުނެވޭކަށް ނެތެވެ.

ލުބްނާންގެ އަސްކަރިއްޔާއިން ޚަބަރު ދޭ ގޮތުގައި، މިއަދުގެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބަނދަރުގެ ޑިއުޓީ-ފްރީ ސަރަހައްދުގައި، ތެލާއި ޓަޔަރު ރައްކާކުރާ ގުދަނެއްގައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އަސްކަރީ ހެލިކޮޕްޓަރުތައް ހަރަކާތްތެރިވާކަމަށް ޚަބަރު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދިޔަ ހިސާބާއި ކައިރި ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން އަނބުރާ ގެއަށް ދިއުމަށް، އެ މީހުން މަސައްކަތް ކުރަމުންދިޔަ އިދާރާތަކުން ވަނީ އަންގާފައެވެ.

މުޅި ބެއިރޫތުގެ ބަނދަރު ސަރަހައްދު ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުމަށް ކިރިއާ މަހެއްހާ ދުވަސްވީއިރު، މިފަދަ ދެވަނަ ހާދިސާއެއް ހިނގުމާއެކު، ލުބްނާނުގެ އާންމުންގެ ހިތްތަކުގައި ވަނީ އިންތިހާއަށް ބިރުވެރިކަން އުފެދިފައެވެ.