ލުބްނާންގެ ވެރިރަށް ބެއިރޫތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި ވަރުގަދަ ގޮވުމުގެ ސަބަބުން ގެއްލުންވި އާއިލާތަކުގެ މީހުންނާއި އެ ގައުމުގެ ރަޔަޓް ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގައިފިއެވެ.
މި ކުރިމަތިލުންތައް ހިންގާފައި ވަނީ، ލުބްނާނުގެ ދާހިލީ ވަޒީރު މުހައްމަދު ފަހުމީގެ ބެއިރޫތު ގެކޮޅު ކުރިމަތީގައެވެ. ވަޒީރު ފަހުމީގެ ގެކޮޅު ކުރިމަތީގައި މުޒާހާރާ ކުރަމުން ދިޔަ އާންމުންގެ މީހުން ހަރަކާތްތެރިވީ، ބެއިރޫތު ބަނދަރު ގޮވި ހާދިސާގައި މި ދުނިޔެއާއި ވަކިވެދިޔަ އެ އާއިލާތަކުގެ މެންބަރުންގެ ތަސްވީރުތައްވެސް ހިފައިގެނެންނެވެ.
މުޒާހަރާ ކުރިއަށް ގެންދިޔައީ، ލުބްނާންގެ ޖެނެރަލް ސެކިއުރިޓީ ޗީފް، މޭޖާ ޖެނެރަލް އައްބާސް އިބްރާހީމާ ސުވާލު ކުރުމަށް އެދި ގާނޫނީ ހުށަހެޅުމަށް ފަހުމީ އިންކާރު ކުރެއްވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ރަޔަޓް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި، ރަޔަޓް ފުލުހުން، ބާރުގެ ބޭނުން ކުރި ކަމަށް މައުލޫމާތު ލިބެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިމާރާތުގެ ފާރު މަތިން އަރާ، އެ އިމާރާތަށް ސްޕްރޭކޮށް ހަދާފައެވެ. މީގެ އިތުރުން، އިމާރާތަށް ވަދެވެން އޮންނަ ދޮރޯށި ކުރިމަތީގައި ސަންދޯކެއް ބޭއްވި ކަމަށްވެސް ހަބަރު ލިބެއެވެ.
ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުމަށް 11 މަސް ފުރުނުއިރުވެސް، މިކަން ކޮޅެއްގައި ނުޖެހެއެވެ. ތަހުގީގުތައް އަދިވެސް އޮތީ ޒާތަކަށް ހުއްޓި، ދިގުދެމިފައެވެ.
ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި، އޯގަސްޓް 4، 2020 ވަނަ ދުވަހު ބާރުގަދަ ގޮވުމެއް ގޮވީ، ގަވައިދާ ހިލާފަށް، 2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވައިގެންނެވެ. މި ހާދިސާގައި 193 މީހެއްގެ ފުރާނަ ގެއްލި، 6500 އެއްހާ މީހުން ޒަހަމްވިއިރު، 300000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.
ގޮވި ގުދަނުގައި ހުރި އެމޯނިއަމް ނައިޓްރޭޓް ލުބްނާނަށް އެތެރެ ކުރީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.