މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު، ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި ވަރުގަދަ ގޮވުމާއެކު، އެގައުމުގައި ތައުލީމު ހާސިލު ކުރާ އުމުރުގެ 4 ބައިކުޅަ 1 ބައި ކުދިން، ތައުލީމުން މަހްރާމުވެދާނެ ކަމުގެ އިންޒާރު، އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ) އިން ބުނެފިއެވެ.

އެހީދޭ ޖަމިއްޔާ އައިސީއާރް އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އޯގަސްޓް މަހުގެ ގޮވުމުގައި ބެއިރޫތުގެ 163 ސްކޫލަކަށް ގެއްލުން ލިބިފައި ވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ކިޔަވާ އުމުރުގެ ކޮންމެ 4 ކުއްޖަކުން 1 އަކީ، ތައުލީމުން މަހްރޫމުވެދާނެ ކުއްޖަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އައިސީއާރްއިން ބުނީ މި އަންދާޒާއަކީ ހަމައެކަނި ގޮވުމުގެ ހާލަތަށް ބަލައިގެން އެކުލަވާލި ހިސާބުތަކެއް ކަމަށާ، މި ހިސާބުތައް ޖެހުމުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތް ކޮށްފައި ނުވާނެ ކަމަށެވެ.

އޯގަސްޓް 4، 2020 ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ގޮވި ވަރުގަދަ ގޮވުމުގައި ގެއްލުންވި ސްކޫލެއް/ފޮޓޯ: ވާއިލު ހަމްޒާ

އައިސީއާރްއިން ބުނީ ސުންނާފަތިވެފައިވާ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރުމަށް 85000 އަށް ވުރެ ގިނަ ކުދިން ދަފްތަރު ކޮށްފައި ވާ ކަމަށާ، ނަމަވެސް އިންތިހާއަށް ހަލާކުވެފައިވާ އިމާރާތްތައް އަލުން އާރާސްތު ކުރުމަށް އަދި އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށެވެ.

ސްކޫލްތައް އާރާސްތު ކުރުމަށް ހޭދަވާ މުއްދަތު ދިގުވުމާ، އެހެން ސްކޫލަށް ދާން ޖެހުމަށް ކުރަން މަޖުބޫރުވާ ހަރަދުތައް އިތުރުވުމާ، ސަލާމަތާ ރައްކާތެރި ކަމުގެ ގޮތުން ހުރި ގޮންޖެހުންތައް ބޮޑުވުމުގެ ސަބަބުން ތައުލީމާ ހަޔާތާ ވަކިވާ ދަރިވަރުންގެ އަދަދުވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އައިސީއާރްއިން ބުނެއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އާންމު އަދި ޕްރައިވެޓް ސްކޫލްތައް ހަލާކުވުމުގެ ސީދާ އަސަރު، 70000 އެއްހާ ދަރިވަރުންނާ 7600 އެއްހާ ޓީޗަރުންނަށް ކޮށްފައިވެއެވެ.