ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި، އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން 2 މީހަކު ހައްޔަރު ކޮށްދިނުމަށް ލުބްނާނުން އިންޓަޕޮލްގައި އެދިއްޖެއެވެ.

ހާދިސާގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ވަނީ، އެތައް ހާސް ޓަނެއްގެ އެމޯނިއަމް ނައިޓްރޭޓް ބަރުކޮށްގެން މީގެ 7 އަހަރެއްހާ ދުވަސް ކުރިން ބެއިރޫތަށް ވަން ބޯޓުގެ ކެޕްޓާނާއި، އެ ބޯޓުގެ ވެރި ފަރާތް ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.

ލުބްނާނުގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވީ، ގަވައިދާ ހިލާފަށް، 2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވައިގެންނެވެ. މި ހާދިސާގައި 193 މީހެއްގެ ފުރާނަ ގެއްލި، 6500 އެއްހާ މީހުން ޒަހަމްވިއިރު، 300000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ހާދިސާ ތަހުގީގު ކުރައްވަމުން ގެންދަވާ ލީޑް އިންވެސްޓިގޭޓަރު ފާޑި ސައްވާން ވަނީ، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސްޓޭޓް ޕްރޮސެކިއުޓަރުންނަށް މައްސަލަ ރިފާ ކުރައްވާފައެވެ. މިއާއެކު، ރަޝިއާއަށް ނިސްބަތްވާ 2 މީހުން ހައްޔަރު ކުރުމަށް އިންޓަޕޮލްގައި އެދިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އަދި އެ 2 މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 2013 ވަނަ އަހަރު ތުރުކީވިލާތުން ބެއިރޫތަށް ދަތުރު ކުރި އެމްވީ ރޯސުސްގައި ކެޕްޓަނަކަށް ހުރީ ބޮރިސް ޕްރޮކޮޝޭވް ނަމަކަށް ކިއާ މީހެކެވެ. މި ބޯޓަކީ، ސައިޕްރަސްގެ ވިޔަފާރި ވެރިޔާ ޝަރަމްބޯލޯސް މަނޯލީ އަތުން، ރަޝިއާގެ ވިޔަފާރިވެރިޔާ އައިގޯ ގްރެޝޫސްކިން، 2012 ވަނަ އަހަރު ގަނެފައިވާ ކާގޯ ބޯޓެއް ކަމަށްވެސް އަލްޖަޒީރާއިން ވަނީ ހާމަކޮށްފައެވެ.

އިންޓަޕޮލްގެ ހުށަހެޅުމަކަށް، ފުލުހުންވަނީ އޯގަސްޓް މަހުގެ ތެރޭގައިވެސް ގްރެޝޫސްކިންއާއި ސުވާލު ކޮށްފައެވެ.

ގޮވި ގުދަނުގައި ހުރި އެމޯނިއަމް ނައިޓްރޭޓް ލުބްނާނަށް އެތެރެ ކުރީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރަޝިއާގޭ ކާގޯ ބޯޓުގައި ނަގާފައި ހުރީ މޮލޮޑޯވާގެ ދިދައެކެވެ. ކަނޑުއުޅަނދު ފަހަރުގެ ދަތުރުފަތުރާ ބެހޭ ރެކޯޑަށް ބަލާއިރު، މި ބޯޓު ދަތުރު ކުރަމުންދިޔައީ ޖޯޖިއާއިން ފުރައިގެން މޮޒަމްބީކަށެވެ.