ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ބާރުގަދަ ގޮވުމާއި، އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާގެ ސަބަބުން، އަދިވެސް އެތައް ސަތޭކަ ހާސް ކުދިންނެއް، ބަނޑުހައިހޫނުކަމުގެ ތަކުލީފު އުފުލަމުން އަންނަ ކަން ހާމަވެއްޖެއެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ސޭވް ދަ ޗިލްޑްރަން އިން އާންމު ކުރި އާ އެނާލިސިސްއެއް ބުނާ ގޮތުގައި، އޯގަސްޓް 4، 2020 ވަނަ ދުވަހުގެ ބާރުގަދަ ގޮވުމަށް ފަހު، ދިރިހުރުމަށް ބޭނުންވާ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އާއިލާތަކުން ކުރަން ޖެހޭ ހަރަދުގައި، އެކި ފަންތިތަކުގެ މެދުގައި ފަރަގު އުޅެއެވެ.
މަހެއްގެ މައްޗަށް ބޭނުންވާ ޒަރޫރީ މުދާ ގަތުމަށް އާއިލާތަކަށް ގާތްގަނޑަކަށް 4050 ޑޮލަރު ބޭނުން ވި ނަމަވެސް، މީގެ ތެރެއިން 3652 ޑޮލަރު ލިބޭނެ ގޮތެއް، ފަގީރު އާއިލާތަކަށް ނެތް ކަމަށް ރިޕޯޓްގައި ވެއެވެ.
ސޭވް ދަ ޗިލްޑްރަންގެ ކަންޓްރީ ޑައިރެކްޓާ ޖެނިފާ މުއާހެޑް ވިދާޅުވީ، އެތައް ސަތޭކަ ހާސް ކުދިނެއް ނިދަން ދަނީ ބަނޑަށް ތިބި ހާލުގައި ކަމަށާ، ބައެއް ދުވަސް ދުވަހު، އެންމެ ކެއުމެއްވެސް އެކުދިންނަށް ނުލިބޭ ކަމަށެވެ. ފުރިޖެއް ހިންގާލާނެ ކަރަންޓަށް އަތް ނުފޯރާއިރު، ހޫނު ފެން ފޮދާއި ބޭސްކޮޅެއްގެ ތަނަވަސްކަން ނެތް ފަގީރު އާއިލާތައް ލުބްނާންގައި އެބަތިބި ކަމަށް މުއާހެޑް ފާހަގަ ކުރެއްވިއެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި ލުބްނާންގެ ގިނަ އާއިލާތަކެއް ވަނީ، ކާބޯތަކެތި ބޭނުން ކުރާ މިންވަރާއި، ބޭސްފަރުވާއާއި ތައުލީމަށް ކުރާ ހޭދަ ބޮޑު ތަނުން މަދުކޮށްފައެވެ. އަދި މުދާ ވިއްކުމާއި ދަރަނި ނެގުން އިތުރު ވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސޭވް ދަ ޗިލްޑްރަންއިން ބުނާ ގޮތުގައި ލުބްނާންގެ އާބާދީގެ ގާތްގަނޑަކަށް 47 ޕަސެންޓަކީ، ޒަރޫރީ ތަކެތީގެ ގޮތުގައި ބަލާ މުގު، ކުކިން އޮއިލް، ޑައިޕާ އަދި ސެނިޓަރީ ނެޕްކިންއާއި ހަކަތައިގެ އުފެއްދުންތައް ގަތުމުގެ ތަނަވަސްކަން ނެތް މީހުންނެވެ.
200 މީހުންގެ ފުރާނަ ގެއްލި، 6500 އއެއްހާ މީހުން ޒަހަމްވެ، ބެއިރޫތުގެ ބައެއް ސުންނާފަތި ކޮށްލި ބާރުގަދަ ގޮވުމާ، އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ސިލްސިލާ އިގުތިސޯދީ ކާރިސާގެ ސަބަބުން، ލުބްނާން ފައިސާގެ އަގު ވަނީ، ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 90 ޕަސެންޓަށް ވުރެ ދަށަށް ގޮސްފައެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ތަކުލީފު ވަކިން ބޮޑުވި ކަން ފާހަގަ ކުރަން ޖެހެއެވެ.