"ގައުމީ ފެންވަރުގެ" ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ.

"އެއްބައެއް އެއް ސިޔާސީ ނިޒާމެއް" މި ފަލްސަފާ ބަލައިގަނެ، ބައިބައިވުންތަކާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް މަޝްވަރާތަކެއް ފެށުމަށްވެސް އައްބާސް ވަނީ، ފަލަސްތީނުގައި ހަރަކާތްތެރިވާ ފަތަހަ ޖަމައަތާ، ހަމާސް ޖަމާއަތަށް ގޮވާލައްވާފައެވެ.

ބެއިރޫތްއާއި ރާމައްލާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކާއެކު ކުރިއަށް ގެންދެވި ވީޑިއޯ ކޮންފަރެންސްއެއްގައި އައްބާސް ވިދާޅުވީ، ފަލަސްތީނުގެ ނަމުގައި ވަކާލާތު ކުރުމުގެ ހުއްދައެއް މީގެ ފަހުން އެއްވެސް އެހެން ބަޔަކަށް ނޯންނާޏެ ކަމަށާ، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާނެ ހަމައެކަނި ބަޔަކީ، ޚުދު ފަލަސްތީނު ކަމަށެވެ.

މި ވީޑިއޯ ކޮންފަރެންސްއަކީ، ހުޅަނގު އައްސޭރީގެ ބިންތައް ހިސޯރު ކުރުމަށް ޔަހޫދީ އިސްރާއީލުން ހިންގާ ޚުދުމުޚުތާރު ޖަރީމާއަށް ހުއްޓުމެއް ގެންނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސްއެކެވެ.

އިސްރާއީލާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ހަމައެކަނި ބަޔަކީ އެމެރިކާ ކަމަށްވާއިރު، އެ ކަމަކީ ފަލަސްތީނިއަން އޮތޯރިޓީއިން ދެކޮޅު ކަމެއް ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ. މި މޭރުމުން އައްބާސް ވަނީ، އަރަބް ޕީސް އިނިޝަޓިވްގެ އަސާސަށް ބިނާކޮށް، އދގެ މޭސްތިރިކަމުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ ބައްދަލުވުމަކަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ އުރުދުން ވާދީގައި އޮންނަ އައް-ރީހާއޭ ކިއުނު ސަރަހައްދުގައި ކުރިއަށްދިޔަ ރެލީގެ ތެރެއިން/ފޮޓޯ:އައި24ނިއުސް

އައްބާސްގެ ފަތަހަ ޖަމާއަތުގެ ސިޔާސީ ވާދަވެރި ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ ބުނީ، އެމެރިކާ އިސްވެ އޮވެ، އެކުލަވާލާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނަކީ ސަރަހައްދީ ފެންވަރުގައި ކޯލިޝަން ގާއިމުކޮށް، އަރަބި ދުނިޔޭގެ ގައުމުތަކުގެ ތެރެއަށް އިސްރާއީލަށް ވަދެވޭނެ މަގު ފަހި ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

މިދަނޑިވަޅަކީ ތާރީހު ނުދެކޭ ވަރުގެ ނުރައްކާތަކަކަށް ހުށަހެޅި، އިސްތިރާޖީ ނުރައްކާތަކެއް ކުރިމަތިވެފައިވާ ވަގުތެއް ކަންވެސް ހަނިއްޔާ ވަނީ ފާހަގަކޮށްފައެވެ.

މި ދަނޑިވަޅަކީ، އާންމު އުސޫލުން އިސްރާއީލާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ދެމެދު "ތާރީހީ" ޑިޕްލޮމެޓިކް ގުޅުންތަކެއް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މަޝްރޫއުތައްވެސް ފަށާފައިވާ ދަނޑިވަޅެކެވެ.