ލެންޒިލުމާބު ނުވަތަ އެންޓިބޮޑީ ތެރަޕީއަކީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، އެ ބަލީގައި މަރުވެ ދިއުމުގެ ފުރުސަތު ނުވަތަ ވެންޓިލޭޓަރަށް ޖެހޭ ޖެހުން، 80 ޕަސެންޓް ކުޑަކޮށްލާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހިންގާ ބައޮފާމަސޫޓިކަލް ކުންފުނި ހިއުމެނިޖެން އިން ބުނީ، އެންމެ ފަހުގެ މަރުހަލާތަކުގައި މި ޑްރަގް ތަހުލީލު ކުރަމުންދާ ކަމަށެވެ.

ހިއުމެނިޖެންއިން ދިރާސާ ކުރިއަށް ގެން ގޮސްފައިވަނީ ކޮވިޑް-19 ނިއުމޯނިއާ ޖެހި، ހާލު ދެރަވުމުގެ ނުރައްކާ އޮތް 39 ޕޭޝަންޓެއް ބައިވެރިކޮށްގެންނެވެ. މީގެ ތެރެއިން 12 މީހަކަށް އެންޓިބޮޑީ ތެރަޕީ ދީފައިވާއިރު، ބާކީ ތިބި 27 ޕޭޝަންޓުންނަށް ދިނީ އާންމު ފަރުވާއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާސްކު ބޭނުން ކުރުން މުހިންމު/ފޮޓޯ: ފިއާސްބައޮޓެކް

އެންޓިބޮޑީ ތެރަޕީ ދިން ޕޭޝަންޓުންގެ އިންފްލަމޭޓަރީ މާކާޒްއަށް ބަލާއިރު، ހެޔޮ ބަދަލުތަކެއް ފާހަގަ ކުރެވުނު ކަމަށާ، އެނޫން މީހުންނާ އަޅާ ބަލާއިރު އެވަރޭޖު ކޮށް 5 ވަރަކަށް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އާންމު ފަރުވާ ދިން ގުރޫޕުގެ ޕޭޝަންޓުން ގެއަށް ދޫކޮށްލާފައިވަނީ އެވަރޭޖުކޮށް 11 ވަރަކަށް ދުވަހުގެ ތެރޭގައެވެ.

އެންޓިބޮޑީ ތެރަޕީ ދިން ގުރޫޕުގެ ޕޭޝަންޓުން މި ބަލީގައި މަރުވުމަށް 8 ޕަސެންޓްގެ ނުރައްކާ އޮތްއިރު، އާންމު ފަރުވާ ދިން ގުރޫޕުގެ ޕޭޝަންޓުން މި ބަލީގައި މަރުވުމަށް އޮތީ 41 ޕަސެންޓްގެ ނުރައްކަލެއް ކަމަށްވެއެވެ.

އެންޓިބޮޑީ ތެރަޕީ ދިން ޕޭޝަންޓުންނަށް ބަލާއިރު 'ސައިކޮޓިން ސްޓޯމް' އިން ސަލާމަތް ވުމަށް 1 ދުވަސް ހޭދަވި ކަމަށް ރެކޯޑް ކޮށްފައިވެއެވެ. 'ސައިކޮޓިން ސްޓޯމް' އަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަހަށް ހަމަލާދިނުމުގެ ބަދަލުގައި، އޯވާ ރިއެކްޝަނަކަށް ގޮސް ދިފާއީ ނިޒާމުގެ އަމިއްލަ ސެލްތަކަށް ހަމަލާދޭ މަރުހަލާއެކެވެ. އާންމު ފަރުވާ ދިން ގުރޫޕަށް، 'ސައިކޮޓިން ސްޓޯމް' އިން ސަލާމަތް ވެވުނީ އެވަރޭޖު ގޮތެއްގައި 8 ދުވަހުގެ ތެރޭގައެވެ.

ކޮވިޑް ސާމްޕަލް ނަގާ ޓިއުބްތަކެއް / ފޮޓޯ: ޑްރަގް ޓޮޕިކްސް

ލެންޒިލުމާބު އެންޓިބޮޑީ ތެރަޕީއަކީ ކޮބާ؟

ލެންޒިލުމާބަކީ މޮނޯކްލޯނަލް އެންޓިބޮޑީއެކެވެ. މިއީ ދިފާއީ ނިޒާމުގެ މޮލެކިއުލްއެއް އަސްލަކަށް ބަލައިގެން ލެބްގައި ތަރައްގީ ކޮށްފައިވާ ވާޝަންއެކެވެ. މި ފަރުވާ އެންމެ ފުރަތަމަ ތަރައްގީ ކުރެވުނީ ލެއަށް ޖެހޭ ކެންސަރަށް ހާއްސަކޮށްގެންނެވެ. ނަމަވެސް މި ފަރުވާގެ ސަބަބުން އިންފްލަމޭޓަރީ އިޖާބަ ކޮންޓްރޯލް ކުރަމުންދިއުމާއެކު، ދިރާސާ ޓީމުން ކޮވިޑް-19އަށް މި ފަރުވާ ތަހުލީލު ކުރަން ފެށީއެވެ.

ލެންޒިލުމާބު ނުވަތަ އެންޓިބޮޑީ ތެރަޕީގެ ފުޅާ-ދާއިރާގެ ތަހުލީލުތައް އެމެރިކާގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ފަށާފައެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިމަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށް، މިކަމުގައި ޝާމިލުވާ ކުންފުނިން ލަފާ ކުރެއެވެ.