އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިސްރާއިލާ ދެމެދު އެކުލަވާލި "ތާރީޚީ" އާންމު ގުޅުންތަކުގެ އެއްބަސްވުމަށް މަގުފަހި ކުރުމުގެ ދަތުރަށް ފަހު، ވައިޓްހައުސްގެ އެޑްވައިޒަރު އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެން އުޅުއްވާ ޖެރާޑް ކުޝްނާ، ބަހްރައިންއާއި ސައުދީ އަރަބިއްޔާއަށް ދަތުރު ފައްޓަވައިފިއެވެ.

ކުޝްނާއާއިއެކު ޔޫއޭއީއަށް ގެންދެވި އިސްރާއީލުގެ ވަފުދާ އެ ގައުމާ ދެމެދު މާލީ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެން ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ. ޔޫއޭއީއަކީ އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި ފުރަތަމަ، އަރަބި ގަލްފް ގައުމެވެ. މިސްރާ އުރުދުންއިންވެސް މީގެ ކުރިންވަނީ ސުލްހައިގެ އެއްބަސްވުންތަކެއްގެ ދަށުން އެ ގައުމުތަކުގައި އިސްރާއީލުގެ އެމްބަސީ ހުޅުވާފައެވެ.

ޔޫއޭއީގެ މަޝްވަރާތަކަށްފަހު ސައުދީއާއި ބަހްރައިންއަށް ދަތުރުކުރައްވަމުން ގެންދަވާ ކުޝްނާ، ގަތަރަށްވެސް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫތު ލިބޭ ގޮތުގައި، ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ، އަރަބި އަދި އިސްލާމީ ގައުމުތަކުގެ މަސްލަހަތު ހިފެހެއްޓުމަށް ޔޫއޭއީއިން އަދާކުރަމުންދާ ދައުރަށް ތައުރީފުކުރައްވާފައެވެ. ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ވާހަކަތައް އަމާޒު ކުރެއްވީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން އަތްގަދަ ކުރަމުންދާ ދިއުމުގެ މައްޗަށް ކަމަށް ޚަބަރު ލިބެއެވެ.

ކުޝްނާގެ ދަތުރާ ގުޅިގެން، އިސްރާއީލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރާނެ ކަމާ ބެހޭ ތަފްސީލުތަކެއް ސައުދީއާއި ބަހްރައިން އަދި ރަސްމީ ސިފައެއްގައި އާންމު ކޮށްފައެއް ނުވެއެވެ.