ލުބްނާނުގައި ސުލްހަ ގާއިމު ކުރުމަށް ފަރަންސޭސިވިލާތުން އިސްވެ އޮވެ ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ، ގައުމީ ފެންވަރުގައި އެއްބަސްވުމަކަށް އާދެވޭ ފަދަ ހުށަހެޅުމަކަށް ވަނީ ނަމަ، އެ ހުށަހެޅުންތަކަށް އެއްބާރުލުން ދިނުމަށް އޭނާގެ ޝީއީ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ލުބްނާނުގައި ހަރަކާތްތެރިވާ ސިޔާސީ އަދި ހަނގުރާމަވެރި ހިޒްބުއްލޯ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ހާމަކޮށްފިއެވެ.

ނަސްރުﷲ ބުނީ، ފަރަންސޭސި ރައީސް އެންމެ ފަހުން ލުބްނާނަށް ކުރެއްވި ދަތުރުފުޅުގައި، އާ ސިޔާސީ އެއްބަސްވުމެއްގެ އިޝާރާތެއް ކުރެއްވި ކަމަށާ، އެ އެއްބަސްވުމާ ގުޅޭ ބިނާ ކުރަނިވި މަޝްވަރާތަކުގައި ބައިވެރިވުމަށް ހިޒްބުއްލޯއިން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް ޝަރުތެއް އެބަ އޮތް ކަމަށާ، އެ ޝަރުތަކަކީ، ލުބްނާނުގައި ހަރަކާތްތެރިވާ ހުރިހާ ފެކްޝަނެއްގެ ރުހުން އޮތް އެއްބަސްވުމަކަށް އެ ހުށަހެޅުން ވެގެން ދިއުން ކަންވެސް ނަސްރުﷲ ވަނީ ފާހަގަކޮށްފައެވެ.

ލުބްނާނުގެ ސިޔާސީ މަސްރަހުގެ ބާރުތައް ބަހާފައި އޮންނަނީ، އެ ގައުމުގައި ހަރަކާތްތެރިވާ ދީނީ އެކި ފެކްޝަންތަކުގެ މެދުގައި ކަމަށް ވާއިރު، މި އުސޫލުން ކަން ހިނގުމަކީ ލުބްނާނުގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ނުތަނަސް ކުރުވާ އެއް ސަބަބު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ލުބްނާނުގައި ދީނީ ފިކުރުގެ ތަފާތު 18 ގޮތްޕެއް ރަސްމީ ކޮށް ބަލައިގެންފައި ވާއިރު، ގާނޫނު ހަދާ މަޖިލީހުގެ 128 ގޮނޑިއަކީ، މުސްލިމުންނާ ނަސޯރާއިންނާ ދެމެދު އެއް ވަރަކަށް ބަހާލެވޭ ގޮނޑިތަކެކެވެ. ނަމަވެސް މި އުސޫލުގެ ތެރެއިން ލުބްނާނުގައި އެކުލަވާލެވޭ އާ ސަރުކާރުތަކަކީ، މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށް ފެއިލްވާ ސަރުކާރުތަކަކަށް އޮންނަނީ ވެފައެވެ. ނަތީޖާއަކަށް ވަނީ، އާންމުންގެ ޑިމާންޑްތަކަށް ކޭޓާ ކުރުމަށް ސަރުކާރު ފެއިލްވެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދިއުމެވެ.

ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯންއަކީ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު، ލުބްނާންގެ ވެރިރަށް ބެއިރޫތު ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުމަށްފަހު އެ ގައުމަށް ވަޑައިގަންނަވާ ބޭރުގެ ފުރަތަމަ ލީޑަރުވެސްމެއެވެ. މެކަގޯންގެ މި ދަތުރުފަޅަކީ، ލުބްނާނަށް އިސްލާހީ ބަދަލު ގެނެސް، ގައުމު އަލުން ބިނާ ކުރުމަށް ބާރު އަޅުއްވާނެ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ. މެކަގޯން ލުބްނާނަށް ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ.