ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން، ލުބްނާނުން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރެއްހާއިރުގެ ތެރޭގައި ލުބްނާނުން ވަނީ 689 މީހަކު މި ބައްޔަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކޮށްފައެވެ. މިއާއެކު ލުބްނާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 14935 އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި، މި ބަލީގައި 7 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށާ، މިއާއެކު ކޮވިޑް-19ގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 146 އަށް އަރާފައިވާކަމަށް އެގައުމުގެ އާންމު ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ލުބްނާނުގެ ދާހިލީ ވުޒާރާއިން އާންމު ކޮށްފައިވާ ބަޔާނަކަށް ބަލާއިރު، މި ވަގުތަކީ އެ ގައުމުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހަރުކަށި އަމުރަށް ލުއިދޭން ވިސްނާފައިވާ ދަނޑިވަޅެކެވެ. އެގޮތުން 2 ހަފުތާއެއްހާ ދުވަހަށް ދަންމާލި ލޮކްޑައުންގެ ހަރުކަށި އަމުރަށް މިއަދުން ފެށިގެން ލުއި ދޭ ގޮތަށް އޮތީ ހަމަޖައްސާފައި ކަމަށް މައުލޫމާތު ލިބެއެވެ. އިރު އޮއްސި 06:00 އިން ފަތިހު 06:00 އަށް ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް، ލުއި ދީ، ރޭގަނޑުން 10:00 އިން ފަތިހު 06:00 އަށް ކާފިއު ހިންގުމަށް އޮތީ ނިންމާފައެވެ.
ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި، އޯގަސްޓް 4 ވަނަ ދުވަހު ބާރުގަދަ ގޮވުމެއް ގޮވި ހާދިސާއަށް ފަހު އެ ގައުމުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު ވަނީ 2 ގުނަ އިތުރުވެފައެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އޮތީ މިފަދަ އިންޒާރެއްވެސް ދީފައެވެ.