ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް އިދިކޮޅު ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްްގައި ބުނީ ރައީސް މައުމޫން ކޮވިޑް 19އަށް ޕޮޒިޓިވް ވި ކަމުގެ ޚަބަރު ލިބުމާއެކު، އެކޯލިޝަނަށް ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސްގެ ނާއިބު، އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނަށް، ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖްގައި ދައްކަވާފައިވާ ހަޑި ހުތުރު ލާއިންސާނީ ތުހުމަތުތައް އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ދުއާ އަކީ ރައީސް މައުމޫން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަޅު ސިއްހަތެއް ދެއްވުން ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

ރައީސް މައުމޫނު ކޮވިޑަށް ޕޮޒިޓިވް ކަން އެނގުމާއެކު ޖާބިރު ވަނީ މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނަށް ގުޅުއްވާފައެވެ. ފޯނުން ގުޅުއްވާ ޖާބިރު ދެއްކެވި ވާހަކަތައް ޣައްސާނު ވަނީ ޓްވިޓާ މެދުވެރިކުރްވައި ހިއްސާ ކުރައްވާފައެވެ.

އެގޮތުން ޖާބިރު ވަނީ ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ އޭނާއަށް ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"މަނިކުފާނު ވިދާޅުވީ ބައްޕަގެ ދަރަންޏަކީ ތިމަންނާ ޒިންމާ އުފުލަން ޖެހޭ އެއްޗެއް ނޫނޭ. ރާއްޖޭގެ ވެރިކަމަށް އަންނަންތާ ތިއުޅެނީ. މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް ޖެހިއްޖެ ކަމުގެ ހަބަރުތައް އަޅުގަނޑުމި އަޑުއަހަމުންދަނީ. މަނިކުފާނު ހަނދާން ބަހައްޓަވައްޗޭ، ތަރިކަ މުދަލުގެ އަޅުގަނޑުގެ ހައްގުދޭންވާނެ. 29 މިލިއަންކަން ބައްޕަ ނަގާފައި ހުރީ. އެވާހަކަ ހަނދުމަފުޅު ކޮށްދެއްވައްޗޭ"
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހިއްސާ ކުރެއްވި ތާ މާގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ވަނީ ފަށާފައެވެ. އާއިލާ އިން ވަނީ މައުމޫނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ.

މައުމޫނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.