ދުނިޔޭގެ މޫސުމީ ތަފާސް ހިސާބުތަކުގައި އިތުބާރު ހިފޭ މައުލޫމާތަށް ބަލާއިރު، މިހާތަނަށް ރެކޯޑް ކުރެވިފައި ނުވާހާ ގަދައަށް އެމެރިކާއަށް ހޫނުގަދަ ވެއްޖެއެވެ.
ކެލިފޯނިއާގެ ޑެތް ވެލީ ނޭޝަނަލް ޕާކުން ރެކޯޑް ކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ފިނިހޫނު މިން ވަނީ 54.4 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ. އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސްއިން ވަނީ މިކަން ކަށަވަރުކޮށްފައެވެ.
އާދަޔާ ހިލާފަށް ހޫނު ގަދަ ވުމުގެ ސަބަބުން ކެލިފޯނިއާ ސަރަހައްދުން 2 ދުވަހަކަށް ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑުނު ކަމަށް ޚަބަރު ލިބެއެވެ. އެއީ ހަކަތަ ފޯރުކޮށްދޭ ޕްލާންޓެއްގައި މައްސަލަ ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޑެތް ވެލީ ނޭޝަނަލް ޕާކުގައި މަސައްކަތް ބްރޭންޑީ ސްޓުވާޓް ބުނީ އޭނާ ގިނަ ވަގުތު ހޭދަ ކުރަނީ ތަނެއްގެ އެތެރޭގައި ކަމަށާ، ބޭރަށް ނިކުމެ އުޅުމަކީ ދަތި ކަމެއް ކަމަށެވެ.
"ބޭރަށް ނިކުންނައިރަށް ހީވަނީ މޫނު މައްޗަށް ގިނަ އަދަދެއްގެ ހެއާ ޑްރަޔަރުތަކެއް ދިއްކޮށްފަ ހުންނަހެން. ހޫނުކަން އިހުސާސް ކުރެވޭނެ. ހީވާނީ ހަމަ އަވަނަކަށް ވަދެގެން ދާހެން. މުޅި މީހާ ވަށައިގެންވެސް ހޫނު ހުރޭ" ބްރޭންޑީ ކިޔައިދިނެވެ.
ކެލިފޯނިއާއަށް އާދަޔާ ހިލާފަށް ހޫނުގަދަވަމުންދާއިރު، އަލިފާނުގެ ނަގޫރޯޅި ނުވަތަ "ފަޔާނާޑޯ" އެއް އުފެދުނު ކަމަށް ރެކޯޑްކޮށްފައިވެއެވެ.
ރެކޯޑް މިންވަރަކަށް ޑެތް ވެލީ ސަރަހައްދުން ހޫނު ރެކޯޑް ކޮށްފައިވަނީ ފާނަސް ކްރީކްއިންނެވެ. ދުނިޔޭގެ މޫސުމީ ރެކޯޑްތަކަށް ބަލާއިރު މީގެ ކުރިން ހޫނު މިން އެންމެ މައްޗަށް ދިޔަ ކަމަށްވެސް ރެކޯޑް ކުރީ ޑެތް ވެލީ ސަރަހައްދުން 2013 ވަނަ އަހަރުއެވެ. އެ ފަހަރު ރެކޯޑް ކުރީ 54 ޑިގްރީ ސެލްސިއަސްގައި ހުރި ކަމަށެވެ. 1931 ވަނަ އަހަރު ތޫނިސްގެ ފިނިހޫނު މިން 55 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ބައެއް ރެކޯޑްތަކުން ދައްކާއިރު، އިސްތިއުމާރީ ދުވަސްވަރު އެފްރިކާ ސަރަހައްދުން ފޯރުކޮށްދީފައިވާ ތަފާސް ހިސާބުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މޫސުމީ ތާރީހު އިލްމުވެރިޔާ ކްރިސްޓަފާ ބާޓް ވަނީ ވިދާޅުވެފައެވެ.