ލުބްނާންގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލިތާ އެތައް އަހަރެއް ފަހެވެ. ވެރިރަށް ބެއިރޫތުގެ މައި ހަތަރު އަނގޮޅީގައި ބޮޑު ބިލްބޯޑެއް ބެހެއްޓިއެވެ. މައިގަނޑު ގޮތެއްގައި ކަޅުކުލަ ބޭނުންކޮށްފައިވާ ބޯޑުގައިވަނީ ހިނިތުންވެވަޑައިގެން ހުންނެވި ހަރީރީގެ ކުލަ ތަސްވީރެކެވެ. އަދި މިއީ، "އިންސާފުގެ ވަގުތު" ކަމަށް ބޮޑު އަކުރުން ލިޔެފައިވެއެވެ. ބޯޑުގެ ކުޑަ ތަންކޮޅެއް މަތިން، ކަނާއަތް ފަރާތުގައި ގަޑިއެއް ޒާތުގެ އެއްޗެއް ހަރުކޮށްފައި ހުއްޓެވެ. އެއީ ހަރީރީ އަވަހާރަކޮށްލި ހާދިސާއަށް އިންސާފު ލިބެން އޮތް ދުވަސްތައް ގުނަމުންދިޔަ ގަޑިއެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން އެ ގަޑި ހުއްޓުނެވެ. ފިނި މޫސުމުގެ ދުވަސްވަރުން ދުވަހެކެވެ. މުޅި ބިލްބޯޑް ގެއްލުނެވެ.
މިއަދަކީ ހަރީރީ އަވަހާރަކޮށްލި ހާދިސާގައި ދައުވާ ލިބޭ 4 މީހުންގެ މައްޗަށް ހުކުމް އިއްވާ ދުވަހެވެ. 2005 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަރީރީއާއި އިތުރު 21 މީހެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާއާއި ގުޅިގެން، 4 މީހެއްގެ މައްޗަށް ދައުވާ ކޮށް ހުކުމް އިއްވަނީ، ނެދަލަންޑްސްގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ކޯޓެއް ކަމަށްވާ، ސްޕެޝަލް ޓްރައިބިއުނަލް ފޮ ލެބަނަން (އެސްޓީއެލް) އިންނެވެ.
މީގެ 15 އަހަރު ކުރިން ހަރީރީ އަވަހާރަކޮށްލި ހާދިސާގައި ދައުވާ ކުރަމުންދާ 4 މީހުންވެސް ނިސްބަތްވަނީ އީރާނުގެ އެއްބާރުލުމާއެކު ލުބްނާންގައި ހަރަކާތްތެރިވާ ސިޔާސީ ޖަމިއްޔާ އަދި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުއްލޯއަށެވެ. މި 4 މީހުންނަކީ ހިޒްބުއްލޯއަށް ނިސްބަތްވާ މެމްބަރުން ކަމަށް ވީ ނަމަވެސް، ހަރީރީ އަވާހަރަކޮށްލި ކަމުގެ ތުހުމަތު، ހިޒްބުއްލޯ ޖަމާއަތަށް އަމާޒެއް ނުކުރެއެވެ.
ހަރީރީ އަވަހާރަކޮށްލި ހާދިސާއަށް ފަހު ލުބްނާންގެ ރައްޔިތުންގެ އަގުލަބިއްޔަތުން އެކަމުގެ އިލްޒާމް އަމާޒުކުރީ ސޫރިޔާއަށެވެ. ވަރުގަދަ މުޒާހަރާތަކެއްވެސް ކުރިއެވެ. ނަތީޖާއަކަށްވީ، 40 އަކަށް އަހަރު ވަންދެން ލުބްނާންގައި ފައި ހަރުކޮށްލައިގެން އޮތް ސޫރިޔާއިން ލުބްނާން ދޫކޮށް ދިއުމެވެ.
2007 ވަނަ އަހަރު އެސްޓީއެލް އުފެދުނީއްސުރެ މި ކޯޓަށް އެންމެ ފާޅުގައި ފާޑުކިއުންތައް އަމާޒު ކުރަމުންދިޔައީ ލުބްނާންގައި ތިބި ސޫރިޔާ ފެކްޝަނުގެ ކޭމްޕުންނެވެ. މިކަމުގައި އިސްކޮށް އުޅުނީ ހިޒްބުއްލޯއެވެ. ހިޒްބުއްލޯއިން ބުނާ ގޮތުގައި މިއީ އެ ޖަމާއަތާ ދެކޮޅަށް ކުޅޭ ކުޅިއެކެވެ. އަނެއް ބަޔަކު ގަބޫލު ކުރާގޮތުގައި، މިއީ ސިޔާސީ ގޮތުން ހައިޖާނު އުފެދި، ބަލިކަށި ވެފައިވާ ޖުޑީޝަރީއެއް އޮތް ލުބްނާންގައި އަދުލު އިންސާފު ލިބޭނެ ހަމައެކަނި ގޮތެވެ.
15 އަހަރު ފަހެވެ. ލުބްނާންގެ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ލުބްނާންގެ ރައްޔިތުން މިއަދު ވެއްޓެމުންދަނީ އަޑި ނޭގޭ ފަދަ ފުން އަނދަވަޅަކަށެވެ. އިގުތިސޯދު ހަފުސްވެފައެވެ. ސިޔާސީ ކޯޅުމާ އަރައިރުންތައް އިންތިހާއެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އޮތީ ފެތުރިފައެވެ. އޭގެ މައްޗަށް، ބެއިރޫތުގައި ވަރުގަދަ ގޮވުމެއް ގޮވާ 200 އެއްހާ މީހުން މަރުވެ، 6000 މީހުން ޒަހަމްވެ، 3 ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލި، ވެރިކަން ކުރާ ސިޓީ ސުންނާފަތިވެއްޖެއެވެ. ނުވިތާކަށް، ސިލްސިލާ މުޒާހަރާތަކާއެކު ސަރުކާރުގެ އެތެރޭންނާ ބޭރުން ކުރިމަތިވި ޕްރެޝަރުގައި، އެ ސަރުކާރުވެސް އިސްތިއުފާ ދީފިއެވެ. މިކަންކަމަށް ރިއާޔަތް ކުރާއިރު، ހަރީރީ އަވަހާރަކޮށްލި މައްސަލައިގެ ހުކުމަކީ މިއަދު ލުބްނާނަށް މާ ބޮޑު ކަމަށް ނުވެއޭވެސް ހީވެދާނެއެވެ.
ކަން މިހެން އޮތް ނަމަވެސް 2005 ވަނަ އަހަރުގެ ހާދިސާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކާ، ބައިނަލްއަގުވާމީ ޖަމިއްޔާ/ޖަމާއަތްތަކުން ދަނީ މި ހާދިސާގެ ބައިނަލްއަގުވާމީ ތަހުގީގަށް އެދެމުންނެވެ. ނަމަވެސް ރައީސް މައިކަލް އޫންއާއި ހިޒްބުއްލޯއިންވެސް ވަނީ، ބައިނަލްއަގުވާމީ އަދުލު އިންސާފަށް އިތުބާރު ނެތްކަން ހާމަކޮށްފައެވެ.
އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ)ގެ ކުރީގެ ޕޮލިޓިކަލް ސައެންސް ޕްރޮފެސަރެއް ކަމަށްވާ ހިލާލް ޚަޝާން ވިދާޅުވީ، ބައިނަލްއަގުވާމީ ކޯޓުގެ ހުކުމް ވެގެންދާނީ، ހިޒްބުއްލޯއާ ދެކޮޅަށް ލުބްނާނުގައި ރޯވެފައިވާ އަލިފާންގަނޑަށް ދަރު އެޅުން ފަދަ ކަމަކަށް ކަމަށެވެ.
ހަރީރީ އަވަހާރަކޮށްލި ހާދިސާގައި ދައުވާ ކުރަމުންދަނީ ސާލީމް އައްޔާޝް، ހުސައިން އުނައިސީ، އަސަދު ސަބްރާ އަދި ހަސަން މިރްހީގެ މައްޗަށެވެ. މިއީން އެއްވެސް މީހަކު ވީ ތަނެއް އަދި މިހާތަނަކަށް ނޭނގެއެވެ. ހިޒްބުއްލޯގެ ލީޑަރު ހަސަން ނަސްރުﷲ ބުނާ ގޮތުގައި، އެމީހުން ވީތަނެއް ނުހޯދޭނެއެވެ. 300 އަހަރު ވިއަސް އެމީހުން ނުފެންނާނެ ކަމަށް ނަސްރުﷲ ވަނީ ބުނެފައެވެ. އެސްޓީއެލްއިން މި 4 ހަތަރު މީހުންނާ ދެކޮޅަށް ސަރިޔަތް ކުރަމުން ދަނީ ޣައިރު ހާޒިރުގައެވެ.
ހަރީރީ އަވަހާރަކޮށްލި ހާދިސާގައި އދއިން ކުރިއަށް ގެންދިޔަ އިބްތިދާއީ ތަހުގީގާ ގުޅިގެން ސޫރިޔާގެ 4 އޮފިޝަލެއް ހައްޔަރު ކުރެވުނެވެ. ނަމަވެސް އެސްޓީއެލް އުފެދި، ބެލި ބެލުމުން އެއީ ގާނޫނީ އިމުން ބޭރުން ހައްޔަރު ކުރި ބައެއް ކަމަށް ކަނޑައަޅާ، އެ މީހުން މިނިވަން ކުރިއެވެ. އޭގެ ތެރެއިން އެކަކީ ސޫރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި އާންމު ސަލާމަތާ ބެހޭ ކަންކަމުގެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައިވާ ޖަމީލް ސޮއްޔާދެވެ. އޭނާ ވިދާޅުވާ ގޮތުގައި ހަރީރީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގަކީ ބަޔަކު ކުޅެމުން އަންނަ ހަޑިމުޑުދާރު، ސިޔާސީ ކުޅިގަނޑެކެވެ.
ނަމަވެސް، ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުން ގާނޫނީ ގޮތުން ތަމްސީލު ކުރައްވަމުން ގެންދަވާ ޕީޓާ ހޭންސް ވިދާޅުވަނީ، މި ތަހުގީގުތައް ކުރިއަށްދަނީ ބައިނަލްއަގުވާމީ ފެންވަރުގައި އެހެން މައްސަލަތައްވެސް ކުރިއަށްދާ ބީދައިން ކަމަށާ، މިއީ އެއްވެސް ހާލެއްގައި ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ލުބްނާންގެ އާންމު ރައްޔިތުންގެ ފިކުރު ތަފާތެވެ. 15 އަހަރު ފަހުން މިއަދު މި ލިބެނީ އިންސާފު ކަމަށް ގަބޫލުކުރުމަށް ހަރީރީގެ ސަޕޯޓަރުންވެސް މިއަދު ފަސްޖެހެއެވެ. ފާއިތުވީ 15 އަހަރުގެ ތެރޭގައި އެތައް ކަމެއް ބަދަލުވެއްޖެއެވެ. ރަފީގު ހަރީރީގެ ދަރިކަލުން، ސޯދު ހަރީރީވަނީ، ސޫރިއާގެ ރައީސް ބައްޝާރުލް އަސަދާ 2009ގައި ސުލްހަވެވަޑައިގެންފައެވެ.
ލުބްނާންގެ ސެއިންޓް ޖޯސެފް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ޕޮލިޓިކަލް ސައެންސްގެ ޑައިރެކްޓަރު ކަރީމް އަމީލް ބިތޯރު ވިދާޅުވާ ގޮތުގައި، 1943 ވަނަ އަހަރު ލުބްނާނަށް މިނިވަންކަން ލިބުނު ފަހުން ކޮންމެ އަހަރަކުވެސް ކޮންމެވެސް ޝަހްސެއް މި ދުނިޔެއާއި ވަކިކޮށްލައެވެ. ހަރީރީ އަވަހާރަކޮށްލި ހާދިސާ ހާއްސަވަނީ، މިއީ މިފަދަ ކަމަކާ ގުޅިގެން ބަޔަކު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރަށް ވުމުންނެވެ. ނަމަވެސް އިންސާފު ލިބުން ލަސްވުމަކީ، އިންސާފު ނުލިބުން ފަދަ ކަމެއް ކަމަށް ބިތޯރު ވަނީ ސިފަކުރައްވާފައެވެ.