އިގުތިސޯދީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައި ވާ ލުބްނާނަށް ހަކަތައިގެ ދަތިކަން ކުރިމަތިވެ، މުޅި ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ރޮއިޓާޒްއާ ވާހަކަދައްކަވަމުން ލުބްނާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ، އެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު 2 އިންޖީނު ގެއަށް، ހަކަތައިގެ ދަތިކަން ކުރިމަތިވެ، އޮޕަރޭޝަންތައް ހުއްޓިގެން ކަމަށެވެ.

ދީރު އައްމާރާއި ޒަހްރާނީ އިންޖީނުގެ ގޭގެ އޮޕަރޭޝަންތައް ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހުއްޓުމަކަށް އައިސްފައި ވާއިރު، ކައިރި މުސްތަގުބަލެއްގައި ހިދުމަތްތައް ފެށޭނެ ކަމުގެ އުއްމީދު ނެތް ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ފާއިތުވީ 18 ވަރަކަށް މަސްދުވަހަކީ ލުބްނާނުގެ އިގުތިސޯދަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތި ކުރުވި ދުވަސްތަކެކެވެ. އަދި ހަކަތައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވި ދުވަސްވަރެކެވެ.

މި ކާރިސާގެ ސަބަބުން، ލުބްނާނުގެ އާބާދީގެ 2 ބައިކުޅަ 1 ބައިހާ މީހުން ވަނީ އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓިފައެވެ. ގައުމުގެ ފައިސާގެ މުޅިންހެން ވެއްޓިފައި ވާއިރު، އާންމުން ދަނީ ސިޔާސީ ޝަހްސުންނާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ބޭރު ފައިސާ ލިބުމުގައި ދަތިކަން ކުރިމަތިވެ، ބޭރުގެ ސަޕްލަޔަރުންގެ އަތުން ހަކަތަ ގަތުމަށް ލުބްނާން ވަނީ ނުކުޅެދިފައެވެ.

ލުބްނާންގެ އާންމުންގެ ގިނަ މީހުންނަކީ އަމިއްލައަށް އޮޕަރޭޓް ކުރާ ޑީސަލް ޖަނަރޭޓަރު މެދުވެރިކޮށް ކަރަންޓް ނަގާ މީހުން ކަމުގައި ވީ ނަމަވެސް، ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެފައި ވާ ހީނަރު ކަމުގެ ސަބަބުން، މިއީވެސް ކުރަން މާ ފަސޭހަ ކަމަކަށް ނުވެއެވެ.

ލުބްނާނުން ކަރަންޓްގެ ހިދުމަތް ކެނޑުމުގެ ކުރިއާ ހަމައަށް، އެ ގައުމަށް އާންމު ކޮށް ކަރަންޓް ލިބެމުން ދިޔައީ ދުވާލަކު 2 ގަޑިއެއްހާއިރަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު އާންމުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ފަށާފައެވެ. އެގޮތުން ދައުލަތުގެ ކަރަންޓް ކުންފުނި ހިމެނޭ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެ، ނުރުހުން ފާޅު ކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ލުބްނާނަށް ކުރިމަތިލާން ޖެހިފައި ވާ ހަކަތައިގެ ދަތިކަމަށް ލުޔެއް ހޯދާ ދިނުމުގެ ނަމުގައި، ހަތިޔާރުއެޅި ހަނގުރާމަވެރި ހިޒްބުއްލޯ ޖަމާއަތުން ހުސްވި މަހު ވަނީ، އީރާނުން ހަކަތަ ގަނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ، މިއީ އެ ޖަމާއަތުގެ ނުފޫޒު ފުޅާ ކުރުމަށް ހިންގި އަމަލެއް ކަމަށް ބުނެ، ފާޑު ކިއާފައެވެ.