އީރާނުގެ ބޮޑު ތާއީދަކާއެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުއްލާ ޖަމާއަތާއި އެ ޖަމާއަތުގެ ބައިވެރިންނަށް، ލުބްނާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.

ލުބްނާޏުގެ ދާހިލީ ވުޒާރާއިން މިއަދު އާންމު ކުރި އެ ގައުމުގެ އާންމު އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު ޝިއާ ޕާޓީގެ ބައިވެރިންނަށް، ގައުމުގެ އެކި ހިސާބުތަކުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

މި ފަހަރުގެ އިންތިހާބުގައި ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ކެންޑިޑޭޓުންގެ ތެރެއިން 16 ކެންޑިޑޭޓަކު ވަނީ މަޖިލީހުން ޖާގަ ކަށަވަރު ކުރައްވާފައެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި އެ އަދަދު އުޅުނީ 15 ގައެވެ.

ސައުދީއާ ގާތް ގުޅުންތަކެއް އޮންނަ މަރޮނައިޓް ކްރިސްޓިއަން ލެބަނީޒް ފޯސަސް ޕާޓީއަށް ވަނީ 5 ގޮނޑި ލިބިފައެވެ.

ލުބްނާނުގެ ސިޔާސީ މަސްރަހު އޮތީ ކޮރަޕްޓްވެ، މާ ބޮޑު ފައިދާއެއް ނުކުރާ ފައްތަރެއްގައި ކަމަށް ބުނެ 2019 ވަނަ އަހަރު އެ ގައުމުގައި ފެށި ވަރުގަދަ މުޒާހަރާތަކަށް ފަހު އެ ގައުމުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު، ބާރުތައް ހިއްސާ ކުރަން މަޖުބޫރުވެ، ލުބްނާނަށް ސިޔާސީ ގޮތުން އެދެވޭ ބަދަލެއް އައުން އަދިވެސް ނާދިރު ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލުބްނާންގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ވޯޓު ދީފައި ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައި ވާ މީހުންގެ އެންމެ 41 ޕަސެންޓް މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އެއީ 2018ގައި ވޯޓުލާން ނިކުތް މީހުންނަށް ވުރެ 8 ދަރަޖަ މަދު އަދަދެކެވެ.