މި ދުވަސްވަރަކީ ދުނިޔޭގެ ސަޕްލައި ޗޭނަށް ބޮޑު ލޮޅުމެއް އަރާފައި ވާ ދުވަސްވަރެކެވެ. ތަފާތު އެކި ސަބަބުތަކާއެކު އެރި މި ލޮޅުމުގެ ސަބަބުން، މުދާ ލިބުމުގައި އެކި ގައުމުތަކަށް ވަނީ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބުތައް އިންތިހާއެވެ. އެކަމަކު އެންމެ ބޮޑު ބަދުނާމެއް އެޅެނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ބޮލުގައެވެ.

ޗައިނާ: ބޯޓުދެއްޔާއި ކަރުދާސް

ޗައިނާއަކީ ދުނިޔޭގެ ސަޕްލައި ބާޒާރު ޑޮމިނޭޓް ކުރަމުން އަންނަ ގައުމޭވެސް ދެންނެވިދާނެއެވެ. ނަމަވެސް، ޗައިނާއަށްވެސް މި ވަނީ ސަޕްލައިގެ ދަތިކަމާ ކުރިމަތިލާން ޖެހި، ވަރުގަދަ ތޫފާނީ އޮއެވަރެއްގައި ކަނޑުފަތަން ޖެހިފައެވެ.

އޮކްސްފޯޑް އިންސްޓިޓިއުޓް ފޮ އެނާޖީ ސްޓަޑީޒްގެ ޑރ މިކަލް މެއިޑަން ވިދާޅުވީ، ކަރުދާހާއި ކާބޯތަކެތިން ފަށައިގެން ފޮއްޗާއި، ކުޅޭ ސާމާނުގެ އިތުރުން އައިފޯން ޗިޕް ލިބުމުގެ ދަތިކަންވެސް ޗައިނާއަށް ކުރިމަތި ވެފައި ވާ ކަމަށެވެ. އަހަރުގެ ފަހުކޮޅަކީ ވިޔަފާރި އިންތިހާއަށް މެކުހަށް ޖަހާ ދުވަސްވަރަކަށް ވީ ނަމަވެސް، އެހާތަނަށްވެސް ސަޕްލައި އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ޑރ މެއިޑަން ވިދާޅުވިއެވެ.

ޗައިނާގެ އެލުމިނިއަމް ކާރުހާނާއެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޗައިނާ ޑައެލޮގް

މައްސަލަ ފެށިގެން އަންނަނީ ކަރަންޓު ކާރިސާއާ ހިސާބުންނެވެ. މި ކާރިސާގައި ޗައިނާގެ 20 ޕްރޮވިންސެއްގެ ކަރަންޓު ހިދުމަތަށް ވަނީ ބުރޫ އަރާފައެވެ.

ޗައިނާއަށް ބަލާއިރު، ގައުމުގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބަޔަކަށް ކަރަންޓު ފޯރުކޮށްދެނީ ބޯޓުދެލީގެ ހަކަތަ ބޭނުން ކޮށްގެންނެވެ. މުޅި ދުނިޔޭގައިވެސް މިހާރު ވަނީ ބޯޓުދެލީގެ އަގު އުފުލިފައެވެ. ޗައިނާގެ އުސޫލުތައް ހަމަޖައްސާފައި އޮންނަ ގޮތުން، ކަރަންޓު ވިއްކޭނެ އެންމެ މަތީ އަގު އޮންނަނީ ކަނޑައަޅާފައެވެ. އެހެން ކަމުން، ބޯޓުދެލި އަގުބޮޑު ވިއެއް ކަމަކު، ކަރަންޓުގެ އަގު ބޮޑު ކުރެވޭކަށް ނޯވެއެވެ. ނަތީޖާއަކަށް ވަނީ، ކަރަންޓު އުފައްދާ ކުންފުނިތަކުން، ކަރަންޓް އުފައްދާ މިންވަރު މަދު ކުރުމެވެ.

ބޯޓުދެލި ނަގާ މައިންތަކުގެ އުފެއްދުންތެރިކަން ދައްވުމުގެ ސަބަބެއް ކަމުގައި ވާ އެއް ސަބަބަކީ، މައިންތަކުގެ ސަލާމަތްތެރިކަމުގެ އާ މިންގަނޑުތަކެވެ. ތިމާވެއްޓަށް ބަލައިގެން ހަރުކަށި ފިޔަވަޅުތަކެވެ. އަދި ދާދި ފަހުން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކަކީވެސް ސަބަބެއް ކަމަށް ޑރ މެއިޑަން ފާހަގަ ކުރެއްވިއެވެ.

ނިންގްބޯ-ޖޯޝާން ޕޯޓަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު 3 ވަނައަށް އެންމެ ކާރޫބާރު ބޮޑު ކާގޯ ބަނދަރު / ފޮޓޯ: ވީސީޖީ

އެމެރިކާ: ކުޅޭ ސާމާނާއި ޓޮއިލެޓް ޕޭޕަރު

ޑިސެމްބަރު މަހަކީ އެމެރިކާގައި އެންމެ ވަރުގަދަ ފާހަގަ ކުރާ އެއް ޗުއްޓީ މޫސުމަށް ވާއިރު، އެ ދުވަސްވަރު، އެއްވެސް ގޮތަކަށް ބައެއް ކަހަލަ މުދާ ގަންނަން ނުލިބޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ރިޔާސީ އިދާރާ (ވައިޓްހައުސް) އިން ވަނީ ދީފައެވެ.

އަސަރު ކުރާނެ އުފެއްދުންތަކުގެ ތެރޭގައި ކުޅޭ ސާމާނާ، އެމެރިކާގައި ޒަރޫރީ މުދަލެއްގެ ގޮތުގައި ބަލާ ޓޮއިލެޓްޕޭޕަރު ނުވަތަ ފާހާނާގައި ބޭނުން ކުރާ ޓިޝޫއާއި، ފުޅިފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނުގެ އިތުރުން، އާ ހެދުމާ، ޖަނަވާރުތަކަށް ކާންދޭން ބޭނުން ކުރާ ސާމާނު ހިމެނެއެވެ.

މައްސަލައިގެ އަސްލަކީ، އެމެރިކާގެ ބަނދަރުތަކުގައި ކަނޑައަޅާފައިވާ އިންތަކެވެ. އެމެރިކާއަށް އެތެރެ ކުރާ ކޮންމެ 10 ކޮންޓޭނަރަކުން 4 ކޮންޓޭނަރަކީ، އެންމެ 2 ބަނދަރަކުން އެތެރެ ކުރާ ކޮންޓޭނަރުތަކެކެވެ. އެއީ ލޮސް އެންޖަލީސްއާއި ލޯންގް ބީޗްގެ ބަނދަރެވެ.

ހުސްވި ސެޕްޓެމްބަރު މަހުން ދުވަހެއްގައި، ލޮސް އެންޖަލީސް ބަނދަރުގައި މުދާ ބޭލުމަށް، 73 ބޯޓު ކިއު ހަދަން ޖެހުނެވެ. ކޮވިޑްގެ ކުރިއަށް ބަލާއިރު، ކިއުގައި 1 ބޯޓަށް ވުރެ ގިނައިން އޮތުމީ އާދަޔާ ހިލާފު ކަމެކެވެ.

ކޮންޓޭނަރު އުފުލާ ބޯޓުފަހަރުގެ ތެރެއިން މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ބޯޓު ފަހަރުގެ ތެރޭގައި ގުނާލެވޭ އެމްސްއެސީ ގުލްސަން/ފޮޓޯ: ފްރީޑަމް އޮންލައިން

2 ބަނދަރުންވެސް ވަނީ، ޕްރެޝަރު ކުޑަ ކުރުމަށްޓަކާ، ހަފުތާއަކު 7 ދުވަހު، 24 ގަޑިއިރުގެ ހިދުމަތް ދޭން ފަށާފައެވެ.

އެމެރިކާގެ ބާޒާރަށް ބޭނުން ވާ ވަރަށް މުދާ ލިބުމުގައި ކުރިމަތިލާން ޖެހިފައި ވާ އަނެއް ގޮންޖެހުމަކީ، ކޮވިޑްގެ ސަބަބުން ބައެއް ގައުމުތަކުގައި ތަންފީޒު ކުރަމުން ދާ ފިޔަވަޅުތަކެވެ. ވަކިން ހާއްސަކޮށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އުފެއްދުންތަކަށް އެމެރިކާއިން ބަރޯސާވެފައި ވާ އިރު، މި ފަދަ ބައެއް ކާރުހާނާތައް އަދިވެސް ހުރީ ކޮވިޑާ ގުޅިގެން ބަންދު ކޮށްފައެވެ.

ކަން މިހެން އޮތް އިރު، ހާވަޑް ބިޒްނަސް ސްކޫލްގެ ޕްރޮފެސާލ ވިލީ ޝީހް ވިދާޅުވީ، މުދާ އުފެއްދި ކަމުގައި ވީ ނަމަވެސް، ރީޓެއިލް ވިޔަފާރިވެރިންނާ ހިސާބަށް މުދާ ފޯރުކޮށްދިނުމުގައި ދަތިކަމާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

މުދާ ގަންނަ ފަރާތްތަކުން ފައިސާ ހަރަދު ކުރާ މިންވަރު އިތުރުވި ކަމުގައި ވީ ނަމަވެސް، ކާރުހާނާތަކާއި ބަނދަރުތައް 'އޯވާލޯޑް" ވެ، ރޭލު ނެޓްވޯކާއި މަގުތަކުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން، ވިޔަފާރި މެކުހަށް ޖެހުމަށް ހުރަސްތަކަކާ ކުރިމަތި ވެފައި ވާކަން ޕްރޮފެސާ ޝީހް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާގައި 4 މިލިއަން މީހުންގެ ވަޒީފާ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅެނީ ބޯޓުދެލި ނަގާ މައިންތަކާ / ފޮޓޯ: މޮންގަބާޔާ

އިންޑިއާ: ކާރާއި ކޮމްޕިއުޓާ ޗިޕް

ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައި ވާ ކޮމްޕިއުޓާ ޗިޕްގެ ތަދު ކަމާއެކު، އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކާރު އުފައްދާ މަރޫޓީ ސުޒޫކީ ކުންފުނީގެ އުފެއްދުންތެރިކަމަށްވެސް އެކަމުގެ ނޭދެވޭ ހިޔަނި ވަނީ އެޅިފައެވެ.

ކޮވިޑްގެ ކުރިންވެސް ކޮމްޕިއުޓާ ޗިޕަށް އޮތް ޑިމާންޑް ދިޔައީ ފަތުއަޑުކިއާފައި އިތުރު ވަމުންނެވެ. ވަކިން ހާއްސަކޮށް، 5ޖީ ޓެކްނޮލޮޖީއާއެކުގައެވެ. ކޮވިޑާއެކު ގެއިން މަސައްކަތް ކުރުން އިތުރުވުމުން، ކޮމްޕިއުޓާ ޗިޕަށް އޮތް ޑިމާންޑް ވަކިން ބޮޑުވީއެވެ.

އިންޑިއާއަށްވެސް ހަކަތައިގެ ދަތިކަން ކުރިމަތިވެފައި ވާ ކަމީ، އިންޑިއާގެ އުފެއްދުންތެރި ކަމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ބައިތައް ހޯދުމުގައި އެ ގައުމަށް ގޮންޖެހުންތަކާ ކުރިމަތި ކުރުވާ ކަމެކެވެ. އިންޑިއާއަކީވެސް ބޯޓުދެއްޔަށް އިންތިހާއަށް ބަރޯސާވެފައި ވާ ގައުމެކެވެ. ނަމަވެސް ބޯޓުދެލީގެ ސަޕްލައި ވަނީ އިންތިހާއަށް ހީނަރުވެފައެވެ.

އަވަށްޓެރި އިންޑިއާގެ ބޯޓުދެލި ނަގާ މައިނެއްގައި މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

ބޯޓުދެލީގެ ސަޕްލައި ދަށްވުމާއެކު، ސިމެންތި، އެކަތަ، އުމްރާނީ ބިނާވެށީގެ ސަމާނު، މިހެން ގޮސް، ކިތަންމެ ސިނާއަތަކަށް އެ ކަމުގެ ނޭދެވޭ އަސަރު ފޯރައެވެ.

ލުބްނާން: ފެނާއި ބޭސްވެރި ސަމާނު

ފާއިތުވީ 2 އަހަރެއްހާ ދުވަހު އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ އެއް ބަޔަކު ދިރިއުޅެމުންދާ ގައުމަކީ ލުބްނާނެވެ. ފާއިތުވީ 18 ވަރަކަށް މަސްދުވަހުގެ ތެރޭގައި ތަކުލީފު އިންތިހާއަށް ބޮޑުވެ، އާބާދީގެ 4 ބައިކުޅަ 3 ބައި މީހުން، އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވައްޓާލިއެވެ.

ކޮވިޑްގެ ކުރިންވެސް ލުބްނާނަށް މައްސަލަތަކެއް ކުރިމަތިވިއެވެ. ނަމަވެސް ބަލިމަޑުކަމާއެކު ހާލަތު، ގޯހުން ގޯހަށް ބަދަލު ވިއެވެ.

އޮކްޓޯބަރު 9، 2021 ވަނަ ދުވަހު މުޅި ލުބްނާނުން ކަރަންޓު ކެނޑުނީ ހަކަތައިގެ ސަޕްލައިގެ ދަތިކަން ކުރިމަތިވެގެން / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ލުބްނާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދއިން ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު ނަޖާތު ރުޝްދީ ވިދާޅުވީ، ހަކަތައިގެ ކާރިސާގެ ސަބަބުން ސިއްހީ ފަރުވާއާއި ފެނުގެ ސަޕްލައިއަށް ކުރާ ނެދެވޭ އަސަރާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މި ނޫނަސް ތަފާތު އެކި އުފެއްދުންތައް ލިބުމުގައި އާންމު މީހާއާއަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ނުޖެހޭ ގައުމެއް، މިއަދު މި ދުނިޔޭގައި ނެތް ކަމުގައިވެސް ދެންނެވި ދާނެއެވެ. ފަހުގެ ތާރީހު ނުދެކޭ ފަދަ ބަލިމަޑުކަމަކުން އަދިވެސް މުޅިން އަރައިގަނެވިފައި ނުވާއިރު، އިގުތިސޯދުތައް ނަގަހައްޓަން ފިޔަވަޅު އެޅޭ ގޮތަކުންވެސް، އިތުރު ކާރިސާއެއްގެ ތުންފަތް މައްޗަށް އޮންނަނީ އަރަންޖެހިފައި ކަން ގަބޫލު ކުރަން ޖެހެއެވެ.