ސިޔާސީ އަދި އިގުތިސޯދީ ހަލަބޮލިކަމާއެކު ފުން އަނދަވަޅަކަށް ވެއްޓި، ހާލުގައި ޖެހިފައިވާ ލުބްނާނުގެ އަސްކަރިއްޔާއަށް ބޭނުންވާ ކުއްލި ހާލަތުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ގައުމުތަކަކުން ވައުދު ވެއްޖެއެވެ.

ނަމަވެސް، މި ގައުމުތަކުން ލުބްނާނުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ އެހީގެ ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަރަންސޭސިވިލާތުން އިސް ނަގައިގެން، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ލުބްނާނާއެކު ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ވާޗުއަލް ބައްދަލުވުމެއްގައި، ލުބްނާން އަސްކަރިއްޔާގެ ޗީފް، ޖޯސެފް އައޫން ވަނީ، ލުބްނާނަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ތަދު ކަމާ، އަސްކަރިއްޔާގެ މުސާރަތައް ހީނަރު ވަމުން ދަނީ ނަމަ، ގެއްލުންދެނިވި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

ލުބްނާން އަސްކަރިއްޔާގެ ޓްވިޓާ ހޭންޑްލްއިން އާންމު ކުރި ޓްވީޓެއްގައި އައޫން ވަނީ، 90 ޑޮލަރަށް ވުރެ ބޮޑު ނޫން މަހު މުސާރައެއްގައި އުޅޭ ސިފައިންގެ މީހަކު، އޭނާގެ އާއިލާ ބަލަހައްޓާނީ ކިހިނަކުންތޯ ސުވާލު ކުރައްވާފައެވެ. ހައްލެއް ނުލިބިއްޖެ ނަމަ، ލުބްނާންގެ އަސްކަރިއްޔާވެސް އިނދަޖެހިދާނެ ކަމުގެ އިންޒާރު، އައޫން ވަނީ ދެއްވާފައެވެ.

ކަން މިހެން އޮތް އިރު، އަސްކަރިއްޔާއަކީ ގައުމުގެ ސަލާމަތްތެރިކަމާ ހަމަޖެހުން ކަށަވަރު ކުރަން އޮތް ހަމައެކަނި ޔަގީންކަން ކަމަށާ، ލުބްނާންގެ އަސްކަރިއްޔާއަކީ ދާހިލީ އަދި ހާރިޖީ ފެންވަރުގައިވެސް އެންމެ އިތުބާރު ހިފޭ މުއްސަސާ ކަމަށް އައޫން ވަނީ ސިފަކުރައްވާފައެވެ.

ފަރަންސޭސިވިލާތުން އިންތިޒާމް ކުރި ވާޗުއަލް ބައްދަލުވުމުގައި، އެމެރިކާ، ރަޝިއާ އަދި ޗައިނާގެ އިތުރުން ވިލާތާއި އަރަބި ގަލްފުގެ ގައުމުތަކުން ބައިވެރިވިއެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން ބައިވެރި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ލުބްނާނުގެ އަސްކަރިއްޔާއަށް ކާބޯތަކެއްޗާ، ސިއްހީ އާލާތްތަކުގެ އިތުރުން އަސްކަރީ އާލާތްތަކުގެ ސްޕެއާޕާޓްތަކލާ، ހަކަތަ ހޯދުމަށްވެސް މި ގައުމުތަކުގެ ކިބައިން އެދިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ސިފައިންގެ މީހުންގެ މުސާރައިގެ ކަންކަން ސީދާ ގޮތުން ހަމަޖައްސާދިނުމުގެ އެހީއަކަށް އެދިފައެއް ނުވެއެވެ. ލުބްނާންގެ އަސްކަރިއްޔާއިން އެކުލަވާލި ބާޒާރުކުރާ ލިސްޓުގެ އަގު، އެތައް މިލިއަން ޑޮލަރަކަށް އަރާ ކަމަށް ހަބަރު ލިބެއެވެ.

ލުބުނާނަކީ، އީރާނުން މަދަދު ލިބޭ ހިޒުބުﷲ ޖަމާއަތް އެންމެ ވަރުގަދައަށް ހަރަކާތްތެރިވާ ގައުމެވެ.