ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ވައިރަހުގެ 10 ގުނަ ބާރުގަދަ ސްޓްރެއިންއެއް، މެލޭޝިއާގެ ސައެންސްވެރިން ހޯދައިފިއެވެ.

އިތުރަށް ބާރުގަދަ ވެފައިވާ ސްޓްރެއިން ފެނުމާއެކު، މިހާރު ކުރިމަތިލާން ޖެހިފައި މިވާ ބަލިމަޑުކަމަށް އަވަސް ނިމުމެ އަތުވެދާނެ ކަމަށް އޮތް ކުޑަ ނަމަވެސް އުއްމީދު ވަނީ ފަނޑުވާ ގޮތް ވެފައެވެ.

10 ގުނަ ބާރުގަދަ ވައިރަސް ސްޓްރެއިން ފެނިފައިވަނީ އިންޑިއާއަށް ދަތުރު ކުރުމަށްފަހު މެލޭޝިއާއަށް އެތެރެވި މީހަކު ކަރަންޓީނަށް މަކަރު ހެދުމުގެ ސަބަބުން އިތުރު 45 އަކަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ހާދިސާއާ ގުޅިގެންނެވެ. މި ކޭސްތަކަށް ފަރުމާ ދެމުންދިޔައިރު، 3 ޕޭޝަންޓެއްގެ ހަށިގަނޑުން ބާރުގަދަ ސްޓްރެއިން (ޑީ614ޖީ) ފެނިފައިވާކަމަށް ޚަބަރު ލިބެއެވެ.

ވައިރަސް މިއުޓޭޓްވެ (ބަދަލުވެ) ބާރުގަދަ ވަމުން ދާ ދިއުން ސާބިތު ކުރެވިފައިވާއިރު، މިއީ އާންމުން އިތުރަށް ސާމަލުކަން ދޭންޖެހޭ ކަމެކެވެ. އެހެނީ މިފަދަ ގޮތަކަށް ވައިރަސް ބަދަލުވަމުންދާނަމަ، ވެކްސިންގެ ކާމިޔާބީއަށް ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވުމެވެ.

10 ގުނަ ބާރުގަދަ ވައިރަސް ސްޓްރެއިންގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާ މިންވަރު ހަލުވިވަނީ ކަމަށް މައުލޫމާތު ލިބެއެވެ.