ދުނިޔޭގެ ފިނިހޫނުމިން މަތިވަމުން ދާ ވަރަކަށް، ފަގީރު ގައުމުތަކާ، ހޫނުގަދަ ސަރަހައްދުތަކަށް އިންތިހާ ގެއްލުމާ ކުރިމަތިލާންޖެހޭނެ ކަމަށާ، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ތަކުލީފުތަކަކާ ކުރިމަތިވެ، ގިނަ އަދަދެއްގެ ބަޔަކު "ގަތުލުވެގެން" ހިނގައިދާނެ ކަމުގެ އިންޒާރު، ދާދި ފަހުން ކުރި ދިރާސާއަކުން ދީފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާޗްއިން ކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި މޫސުމީ ނޭދެވޭ ބަދަލުތައް ކުރިމަތިވެ، ދުނިޔެ ހޫނުވުމުގެ ސަބަބުން މުޅި ދުނިޔޭގެ އާބާދީގެ ކޮންމެ 100000 މީހަކުން 85 މީހަކު، މިގަރުނު ނިމޭއިރު އަހަރެއްގެ މައްޗަށް މި ދުނިޔެއާއި ވަކިވެގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ގައިން ގައަށް އަރާ އިންފެކްޝަސް ޑިޒީޒްތަކުގައި މުޅި ދުނިޔެއިން މިހާރު ވަމުންދާ މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.
މި ދިރާސާ ލަފާ ކުރާ ގޮތުގައި 2100 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ ފިނިހޫނު މިނަށް އަންނަ ނޭދެވޭ ބަދަލުގެ ސަބަބުން ކޮންމެ 100000 މީހަކުން 73 މީހެއްގެ ފުރާނަ ގެއްލިދާނެއެވެ. މިއީ ޓީބީ، އެޗްއައިވީ/އެއިޑްސް، މެލޭރިއާ، ޑެންގޫ، ރީނދޫ ހުން، މަދިރިއާ ޓިކް ފަދަ ސޫފާސޫފިން ޖައްސާ ބަލިތަކާ، އެކި ކަހަލަ ޕެރަސައިޓްތަކުން ޖައްސާ ބަލިތަކުގައި މިހާރު މަރުވަމުންދާ މީހުންގެ އަދަދު އެއްކޮށްލުމުން އަންނަ އަދަދާ އެއްވަރު އަދަދެކެވެ. މިފަދަ ބަލިތަކުގައި މިހާރު މަރުވަނީ 100000 މީހަކުން 74 މީހުން ކަމަށް ލަފާ ކުރެވެއެވެ.
މިފަދަ ތަފާސް ހިސާބުތަކެއް އެކުލަވާލުމަކީ ހަގީގީ މައްސަލައަށް ރިއާޔަތް ކުރުމަށް ގައުމުތަކުގެ ސަރުކާރަށް މަގުފަހި ކޮށްދޭނެ ކަމެކެވެ. ނަމަވެސް، މިއީ ގައުމުތަކުން މާ ބޮޑު ކަމެއް ސަމާލުކަމެއް، އަމަލީ ގޮތުން ދޭ ކަމެއް ނޫންކަންވެސް ފާހަގަކުރަންޖެހެއެވެ. އަދުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ޖަންގަލިތަކުގައި ރޯކުރަމުންދާ ދިއުމާ، ގަނޑުފެނުގެ ބައްރުތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުންވެސް އާންމު ދިރިއުޅުމަށް ދަނީ ހުރަސްތަކެއް އެޅެމުންނެވެ. މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އަދު ދިރިއުޅެމުންދާ މިދާ ހާލުގައިވެސް ނޫޅެވިދާނެ ކަމުގެ ބިރު އިންތިހާއަށް އޮތްކަން ހަނދާން ކުރަންޖެހެއެވެ.