ތަފާތު އެކި މައްސަލަތަކުގައި ފާޑުކިއުން އަމާޒުވެ ޕްރެޝަރަށް ވެއްޓި، ބޮޑުވަޒީރު ހަސަން ދިއާބްގެ ސަރުކާރު ރޭގެ ވަގުތެއްގައި އިސްތިއުފާ ދީފައި ވާއިރު، އެ އިސްތިއުފާ ބަލައިގެން، ވަގުތީ ސަރުކާރުގެ ގޮތުގައި އެ ސަރުކާރު އަދިވެސް ދެމި އޮތުމަށް ލުބްނާންގެ ރައީސް މައިކަލް އޫން އެދިވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދިޔަ ލުބްނާންގެ ވެރިރަށް ބެއިރޫތު ގުޑުވާލި، އޯގަސްޓް 4 ވަނަ ދުވަހުގެ ވަރުގަދަ ގޮވުމާއެކު ކުރިމަތިވަމުންދިޔަ ޕްރެޝަރުގައި މުޅި ސަރުކާރު އިސްތިއުފާ ދެއްވަމުން ދިއާބް ވަނީ، މި ގޮވުމަކީ އެތައް ޒަމާނަކަށް ބަކި ބައެއްގެ މެދުގައި ދިގުލާ ގޮސްފައިވާ ކޮރަޕްޝަންގެ ބަލިމަޑުކަމުގެ ނަތީޖާ ކަމަށް ސިފަކުރައްވާފައެވެ.

ބަނދަރު ސަރަހައްދުގައި، ގަވައިދާ ހިލާފަށް އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވައިގެން މިދިޔަ ހަފުގާއި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް އަރާ، ޒަހަމްވީ މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް އަރާފައިވާއިރު، 300000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

މަގާމުން އިސްތިއުފާ ދެއްވާ، ޓީވީ މެދުވެރިކުރައްވާ ބަޔާން ދެއްވަމުން ދިއާބް ވިދާޅުވީ މި ހާދިސާއަކީ "ދައުލަތަށްވުރެ ބޮޑު" ކޮރަޕްޝަންގެ ސަބަބުން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސަރުކާރުގެ މަގާމުން ދުރަށް ޖެހިވަޑައިގަންނަވަނީ ބަދަލަކަށް އެދި ރައްޔިތުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށްވެސް ދިއާބް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ރައީސްގެ އޫންގެ އެދިވަޑައިގަތުމަށް މިވަގުތު ލުބްނާންގެ ވަގުތީ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރަމުންދަނީ އިސްތިއުފާދިން ސަރުކާރުންނެވެ. އެއީ އާ ސަރުކާރެއް އެކުލަވާލެވެންދެކަށެވެ. ނަމަވެސް އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ބުނާކަށް ނޭނގެއެވެ. ޔަގީނުންވެސް އެއީ، މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި ލުބްނާންގެ މަސްރަހު ބަދަލުވުމަކީ ނާދިރު، އަދި ގޮންޖެހުން ބޮޑު ކަމެކެވެ. އެހެނީ، ލުބްނާންގެ އިންތިހާބީ ނިޒާމު ފަރުމާކޮށްފައިވަނީ ގައުމުގެ ވަކި ބަޔަކަށް ބާރުތައް ލިބިދޭ ގޮތަށް ކަމަށެވެ. މި ނިޒާމު ބަދަލު ކުރުމަށްޓަކައި، ސިޔާސީ "ބޮންތީގައި" ތިބި ލީޑަރުން އެކަމަށް އެއްބަސްވާންޖެހެއެވެ. ނަމަވެސް މިދިޔަ ހަފުތާގައި މުޅި ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުމަކީ، އެ ލީޑަރުންގެ ފިކުރު ބަދަލުކޮށްލުވާ ވަރުގެ ގޮވުމެއް ނޫން ކަމަށް ބުނާ މީހުން އެބަތިއްބެވެ.