އެއް ގޮތަށް ވުރެ ގިނަ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.
ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފައިވާކަން މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން އިއުލާން ކުރެއްވީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ދިއާބްއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، ދިއާބްގެ ސަރުކާރު އިސްތިއުފާ ދީފައި މިވަނީ އޯގަސްޓް 4 ވަނަ ދުވަހު، ވެރިރަށް ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުމާއެކު މުޒަހަރާތަކުގެ ފޯރި ގަދަވެ، މަސްރަހު އިންތިހާއަށް ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައެވެ.
ލުބްނާންގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އާންމު ރައްޔިތުން މީގެއް އަހަރެއްހާ ދުވަސް ކުރިން ނިކުތީ، ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވޭ ކަމަށާ، ކަންކަން މެނޭޖު ނުކުރެވޭ ކަމަށް ބުނެ، ސަރުކާރަކީ ކަމަށް ގާބިލު ސަރުކާރެއް ނޫން ކަމަށް ބުނަމުންނެވެ.
ދިއާބްގެ ސަރުކާރު އިސްތިއުދާ ދީފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ތާއީދުވެސް ގެއްލުމާއެކުގައެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 3 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ދިއާބްގެ ސަރުކާރުން ލުބްނާންގެ ހިންގުމާ ހަވާލުވީ ކުރިން މަގާމުގައި ހުންނެވި ސާދު ހަރީރީ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސާދު ހަރީރީ އިސްތިއުފާ ދެއްވީ މުޒާހަރާތަކުގެ ފިއްތުންތަކާއެކުގައެވެ. އެއަށްފަހު ދިއާބްގެ ސަރުކާރު އެކުލަވާލުމަށްވެސް ލުބްނާނުންވަނީ ސިޔާސީ ބޮޑެތި ގޮންޖެހުންތަކެއް ކަޑަތު ކޮށްފައެވެ. ގިނަ ބަޔަކު ސިފަކުރި ގޮތުގައި ދިއާބްގެ ސަރުކާރަކީ ފެށުމުގައިވެސް ގެއްލެނިވި ސަރުކާރެކެވެ.
ދިއާބްގެ ސަރުކާރު އިސްތިއުފާ ދިނުމުގެ ކުރިން، އެންމެ ފަހުން އެޅި އެއް ފިޔަވަޅަކީ 160 މީހުން މަރުވެދިޔަ ބެއިރޫތު ބަނދަރު ސަރަހައްދު ގޮވުމުގެ ހާދިސާގެ ކޭސް، ލުބްނާންގެ ސުޕްރީމް ޖުޑީޝަލް ކައުންސިލާ ހަވާލު ކުރުމެވެ. މިއީ ލުބްނާންގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ބާރެވެ.
ލުބްނާނަށް ދެން އަންނާނީ ވަގުތީ ސަރުކާރެކެވެ.