ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ގޮވި ވަރުގަދަ ގޮވުމުގައި މަރުވި މީހުންގެ އަދަދު، 200 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ބެއިރޫތުގެ ގަވަރުނަރު މަރުވާން އަބޫދު ވިދާޅުވެއްޖެއެވެ.

އަބޫދު ވިދާޅުވީ، ހާދިސާއަށް ފަހު އަދިވެސް ގިނަ ބަޔަކަށް ވީނުވީ އެއް ނޭނގި ގެއްލިފައި ވާ ކަމަށާ، އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރިން ކަމަށެވެ.

ގޮވުމުގެ މަރުކަޒު ކަމުގައިވި ބަނދަރު ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށް އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަން މިހާރު ވަނީ ހުއްޓާލާފައެވެ.

ގަވައިދާ ހިލާފަށް އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައިވާ ގުދަނެއްގައި ގޮވި ބާރުގަދަ ގޮވުމާއެކު ހިނގި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ. މި ހާދިސާއަށް ފަހު 300000 އެއްހާ މީހުންގެ ގެދޮރު ގެއްލިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާއިރު، ފާއިތުވީ ދެތިން ދުވަހުގެ ތެރޭގައި މުޒާހަރާގެ ރޫހު ވަނީ ގަދަވެއެވެ.