އެއް ގޮތަށްވުރެ ގިނަ ގޮތުން މަސްރަހު ނުތަނަވަސްވެފައިވާ ލުބްނާނުގެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި 3 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެންމެ ފަހުން އިސްތިއުފާ ދެއްވާފައިވަނީ ލުބްނާނުގެ އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި މަނާލް ޢަބްދުލް ސޮމަދާ، ތިމާވެއްޓާ ބެހޭ ވަޒީރު ކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ދާމިއާނޯސް ޚައްތާރެވެ.

ފުރަތަމަ އިސްތިއުފާ ދެއްވާފައިވަނީ، މިދިޔަ އަންގާރަ ދުވަހު، ލުބްނާންގެ ވެރިރަށް ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުމުގެ ކުރިން، ހާރިޖީ ވަޒީރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ނާސިފް ހިއްތީއެވެ.

އޯގަސްޓް 4 (2020) ގައި ލުބްނާނުގައި ގޮވި ބާރުގަދަ ގޮވުންތަކާއެކު ވެރިރަށް ބެއިރޫތު ސިޓީގެ މެދު ތެރޭ ސަރަހައްދު ސުންނާފަތިވެފަ/ފޮޓޯ: އޭއެފްޕީ

އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަމުން މަނާލް ވިދާޅުވީ، ރައްޔިތުންގެ އުއްމީދުތަކާ އެއް ރޫހެއްގައި މަސައްކަތް ކުރުމަށް ބޮޑުވަޒީރު ހަސަން ދިއާބުގެ ސަރުކާރު ފެއިލްވެފައިވާކަމަށެވެ. ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއެކު، ރައްޔިތުންގެ އުއްމީދުތަކާ އެއް ރޫހެއްގައި މަސައްކަތް ކުރެވިފައި ނުވާ ކަމަށް ވިދާޅުވެ، މަނާލް ވަނީ ލުބްނާނުގެ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފަށައިގެން ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ޑިމާންޑްތަކަށް ސަރުކާރު ލައްވާ ކޭޓާ ކުރުވުމަށް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާ، ނަމަވެސް ބަދަލެއް އައުން އޮތީ އިންތިހާ ދުރުގައި ކަމަށް މަނާލް ވަނީ ހާމަ ކުރައްވާފައެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޚައްތާރު ވިދާޅުވީ ލުބްނާނުގެ ސަރުކާރަކީ ނަތީޖާ ނެރެވޭ ސަރުކާރެއް ނޫން ކަމަށާ، ކަންކަން އިސްލާހު ކުރުމަށް ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުހިފާ، "ގޯސް" ހަދާފައިވާކަމަށެވެ.

ލުބްނާނުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިއެއް/ފޮޓޯ: މިޑްލް އީސްޓް އައި

އަންގާރަ ދުވަހުގެ ވަރުގަދަ ގޮވުމާއެކު ބޮޑު ކާރިސާއަކާ ކުރިމަތިލި ލުބްނާނަކީ ތަފާތު އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި އޮތް ގައުމެކެވެ. ސަރުކާރު އޮތީ ބަނގުރޫޓުވެފައެވެ. ލުބްނާން ފައިސާގައި އެއްވެސް އަގެއް ނެތެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. މިފަދަ ހާލެއްގައި ވަނިކޮށް، ބަނދަރު ސަރަހައްދު ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުމާއެކު، ކާބޯތަކެތި އިމްޕޯޓް ކުރުމަށް އިންތިހާއަށް ބަރޯސާވެފައި އޮތް ލުބްނާނަށް ވަނީ އިންސާނީ ކާރިސާއަކާވެސް ކުރިމަތިލާންޖެހިފައެވެ.

ހަނގުރާމަ ދިގުލާ ގޮސްފައިވާ ސޫރިޔާ ދޫކޮށް ދިޔަ 1.5 މިލިއަނެއްހާ ރެފިއުޖީންވެސް ދިރިއުޅެމުންދިޔަ ލުބްނާންގެ ބަނދަރު ސަރަހައްދު ގޮވި ހާދިސާގައި، 300000 އެއްހާ އިތުރު މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކަންމިހެން އޮތްއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ލުބްނާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު އެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން، އިންސާނީ އެހީގެ ގޮތުގައި ލުބްނާނަށް 300 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ވައުދުވެފައެވެ. މި އެހީ، ލުބްނާނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާނީ އދއާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ، އެންޖީއޯތައް މެދުވެރިކޮށް ކަމަށާ، މިކަމުގައި ލުބްނާނުގެ ސަރުކާރު ޝާމިލު ނުކުރާނެ ކަމަށް ޚަބަރު ލިބެއެވެ.