މޮރިޝަސްގެ އައްސޭރިފަށުގެ ސަރަހައްދަށް އުރިފައިވާ ބޯޓުން، އިންޑިއާ ކަނޑަށް ގިނަ އަދަދަކަށް ތެޔޮ ލީކުވަމުންދާ ދިއުމާ ގުޅިގެން، ތިމާވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މޮރިޝަސްގެ އިރުމަތީ ސަރަހައްދަށް މި ބޯޓު އުރުނީ ހުސްވި ޖުލައި މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ބޯޓު ހަލާކުވަމުންދާ ވަރަކަށް ކަނޑަށް ތެޔޮ އެޅޭ މިންވަރު އިތުރުވަނީއެވެ. މި ބޯޓު އުރިފައިވަނީ ބްލޫ ބޭ މެރިން ޕާކް ރިޒާވްގެ އިތުރުން، ފަތުރުވެރިންގެ މެދުގައި މަގުބޫލު ގޮނޑުދޮށްތަކެއްވެސް ހިމެނޭ ސަރަހައްދާ ދާދި ކައިރިންކަން ފާހަގަކުރަންޖެހެއެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅި އެއްގަމާ ހިސާބަށް ތެލުގެ އަސަރު ކޮށްފަ/ފޮޓޯ: އޯމީ ސަކީނާ

ލިބެމުންދާ ފޮޓޯތަކަށް ބަލާއިރު، އައްސޭރި ފަށުގެ ސަރަހައްދާ ގޮނޑުދޮށްތަކުގައިވެސް ތެޔޮ ބޯވެފައިވާ މަންޒަރު ފެނެއެވެ.

ފަރަންސޭސިންގެ ބާރުގެ ދަށުގައި އޮން ރީޔޫނިއަންއާއި ދާދި ކައިރީގައި އޮންނަ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވީންދް ޖަގުނައުތު ވަނީ މި ހާދިސާއާ ގުޅިގެން، ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯންގެ ކިބައިން އެހީއަށް އެދިވަޑައިގެންފައެވެ. މިއާއެކު ފަރަންސޭސިވިލާތުން ވަނީ އެގައުމުގެ އެހީގެ ފައުޖެއް އެ ސަރަހައްދަށް ދަތުރު ކުރަމުން ދާކަން ހާމަކޮށްފައެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅެނީ/ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

ގްރީންޕީސް އެފްރިކާގެ ސީނިއާ ކްލައިމެޓް އެންޑް އެނާޖީ ކެމްޕޭން މެނޭޖާ ހެޕީ ކަމްބޫލޭ ވިދާޅުވީ، މި ހާދިސާގެ ސަބަބުން މޮރިޝަސްގެ އިގުތިސޯދަށާ، ކާބޯތަކެތީގެ ސަލާމަތްތެރިކަމުގެ ސަބަބުން ސިއްހަތަށްވެސް ގެއްލުމާ ކުރިމަތި ކުރުވާނެ ކަމަށެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅެނީ/ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

މޮރިޝަސްއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިގުތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ހިނގި މި ހާދިސާގެ ސަބަބުން ލިބޭނެ އިތުރު ގެއްލުންތައް އަދި ފަހުމް ނުވާކަމަށް ޔޫރަޕިއަން ޕާލަމަންޓްގައި ރީޔޫނިއަން އައިލަންޑް ތަމްސީލު ކުރައްވާ މެމްބަރު ޔޫނުސް އުމަރުޖީ ވަނީ ފާހަގަކުރައްވާފައެވެ.