ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވެ، ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި 700 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް ވަދެގަތުމަށް މަސައްކަތް ކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ރަޔަޓް ފުލުހުން ކަރުނަ ގޭހުގެ ބާރުގެ ބޭނުންކޮށްފައިވާއިރު، ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ ދަރަޖައަކަށް ބާރުގެ ބޭނުން ކުރަމުންދާ ކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

ލުބްނާނުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މުޒާހަރާގެ ބައިވެރިން، ސަރުކާރުގެ ބައެއް ވުޒާރާތަކަށް ވަދެގަތް ނަމަވެސް، ސަލާމަތީ ބާރުތަކުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.

ސަރުކާރާ ދެކޮޅަށް ލުބްނާނުގައި ސިލްސިލާ ގޮތަކަށް ދެމިގެން ދިޔަ ހަރަކާތްތަކުގެ ފޯރި ގަދަވެފައި މިވަނީ، މި ދިޔަ އަންގާރަ ދުވަހު، ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުންނެވެ. ގަވައިދާ ހިލާފަށް ގިނަ އަދަދަކަށް އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވައިގެން ހިނގި މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 158 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 6000 އަށް އަރާފައިވާއިރު، ވީ ނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ލުބްނާނުގެ މަސްރަހުން ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށްވެސް ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން 14 ނޫސްވެރިއަކަށް ހަމަލާ ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިދަނޑިވަޅަކީ ލުބްނާނުގައި އަވަސް އިންތިހާބެއް ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ހަސަން ދިއާބް ގޮވާލައްވަފައިވާ ދަނޑިވަޅެކެވެ.

އެމެރިކާއިންވަނީ ލުބްނާނުގައި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމަށް އެގައުމުގެ ތާއީދު އެބައޮތް ކަން ހާމަކޮށް، ލުބްނާނަށް ސިޔާސީ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލާފައެވެ. ލުބްނާނުގެ ރައްޔިތުންނަކީ އެ ރައްޔިތުންގެ އަޑު އައްސަވާނެ ލީޑަރެއް ހުރުމުގެ ހައްގު ލިބިގެންވާ ބައެއް ކަމަށާ، އެ ލީޑަރަކީ ދެފުށްފެންނަ ސިޔާސަތުތަކާ ޒިންމާދާރު ކުރުވުމުގެ ސިޔާސަތަށް އިޖާބަ ދެއްވާނެ ލީޑަރަކަށް ވުން މުހިންމު ކަމަށް، ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީއިން ކުރި ޓްވީޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ލުބްނާނުގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ މިދަނޑިޑިވަޅަކީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ޚުދު އެގައުމުވެސް ކުރިމަތިލަމުންދާ ދަނޑިވަޅަކަށް ވާއިރު، އަންގާރަ ދުވަހުގެ ހާދިސާއާއި، މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން މި ބަލިމަޑުކަން އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.