ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގެ ގުދަނުގައި ރައްކާ ކޮށްފައި ހުއްޓާ ގޮވި އެމޯނިއަމް ނައިޓްރޭޓްއަކީ، މައިން ކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން ގަނެފައިވާ ޝިޕްމަންޓެއް ކަމަށް މޮޒަމްބީކުން ބުނެފިއެވެ.

ފެބްރިކާ ޑި އެކްސްޕްލޯސިވޯސް މޮޒަމްބީކް (ފެމް) އިން ބުނީ، ގާތްގަނޑަކަށް 7 އަހަރެއްހާ ދުވަސް ވަންދެން ބެއިރޫތު ބަނދަރުގައި ގުދަން ކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ޝިޕްމަންޓަށް އޯޑަރު ދިން ކުންފުންޏަކީ އެއީ ކަމަށެވެ. ފެމްއަކީ މޮޒަމްބީކްގައި ގޮވާ ޒާތުގެ ތަކެތި އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ލުބުނާނުގެ ބޭރޫތު ބަނދަރުމަތީގައި ގޮވި ބާރުގަދަ ގޮވުންތަކުގައި ލިބުނު ބައެއް ގެއްލުންތައް / ފޮޓޯ: އޭއެފްޕީ

ފެމްގެ ތަރުޖަމާނަކު ވިދާޅުވީ، އޯޑަރު ދީފައިވާ ޝިޕްމަންޓަކީ، މައިން ކުރާ ކުންފުނިތަކަށް ބޭނުންވާ ގޮވާތަކެތި އުފެއްދުމުގެ ބޭނުމަށް އޯޑަރު ދިން ޝިޕްމަންޓެއް ކަމަށެވެ. ނަމަވެސް މި ޝިޕްމަންޓް މޮޒަމްބީކާ ހިސާބަށް ފޯރާފައި ނުވަނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

ފެމްގެ ތަރުޖަމާނު ވިދާޅުވީ މިއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އޯޑަރު ދިނުމަށް ފަހު ނުލިބި އޮތް މުދަލަކީ މެއިލް ސިސްޓަމެއްގެ ތެރެއިން ގެއްލޭ ވަރުގެ ކުޑަ އެއްޗެއް ނޫން ކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން ފެމްއަށް މަސައްކަތް ކޮށްދެމުން އަންނަ ތަރުޖަމާނު ބުނީ، މި މުއްދަތުގެ ތެރޭގައިވެސް މި ޝިޕްމަންޓް ފިޔަވާ އިތުރު ޝިޕްމަންޓަކަށް ވީނުވީއެއް ނޭނގި ގެއްލިފައި ނުވާ ކަމަށެވެ.

ލުބުނާނުގެ ބޭރޫތު ބަނދަރުމަތީގައި ގޮވި ބާރުގަދަ ގޮވުންތަކުގައި ލިބުނު ބައެއް ގެއްލުންތައް / ފޮޓޯ: ރޮއިޓާސް

ފެމް ކުންފުނިން އޯޑަރު ދިން އެމޯނިއަމް ނައިޓްރޭޓް ޝިޕްމަންޓްގެ ދަތުރު ފެށުނީ އެ ކެމިކަލް ކޮމްޕައުންޑް އުފެއްދި ޖޯޖިއާއިން، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ތަކެތި އުފުލީ ރަޝިއާގެ ބޯޓެއްގައެވެ. އަދި އެ ބޯޓު، ބެއިރޫތުގައި ބަނދަރުކޮށް، ކެމިކަލް ގުދަން ކުރިއެވެ. މި ޝިޕްމަންޓް މޮޒަމްބީކަށް ގެންދިއުމަށް ފެމްއިން މަސައްކަތް ކުރީ ބޭރުގެ ކުންފުންޏަކާ ގުޅިގެންނެވެ. ވިޔަފާރީގެ މުއާމަލާތަށް އެތައް މަހެއް ފާއިތުވީ ފަހުން، އެ ޝިޕްމަންޓް މޮޒަމްބީކަށް ނުފޯރާނެ ކަމަށް ފެމްއަށް އެންގި ކަމަށް ތަރުޖަމާނު ބުނެއެވެ. އެއީ އުޅަނދުގައި މައްސަލައެއް ޖެހިގެން ކަމަށް 3 ވަނަ ކުންފުނިން އެންގި ކަމަށްވެސް ވެއެވެ. މުދާ ނުލިބޭތީ، އެ މުދަލަށް އެއްވެސް ވަރެއްގެ ފައިސާއެއް ދައްކާފައި ނުވާނެ ކަމަށްވެސް ފެމްގެ ތަރުޖަމާނު ބުނެއެވެ.

ފެމްއިން ބުނީ ޝިޕްމަންޓް ހިފައިގެން ދަތުރުކުރި ބޯޓު ލުބްނާނުން ހިފެހެއްޓި ކަމުގެ މައުލޫމާތު އެކުންފުންޏަށް ލިބިފައި ވާކަމަށެވެ.

ނުލިބި ދިޔަ ޝިޕްމަންޓްގެ ބަދަލުގައި އިތުރު ޝިޕްމަންޓަކަށް އޯޑަރު ދިން ކަމަށާ، އެ ޝިޕްމަންޓް ލިބުނު ކަމަށްވެސް ފެމްއިން ބުނެއެވެ. ފެމްއިން ވަނީ ގުދަނެއްގައި މިޒާތުގެ ނުރައްކާ މާއްދާއެއް ގުދަން ކޮށްފައި ހުރީތީ އެކަމާ ހައިރާން ވާކަމަށް ބުނެފައެވެ. ނަމަވެސް މިއީ ބަޑިބޭސް ހާ ފަސޭހައިން ގޮވާ ކެމިކަލެއް ނޫން ކަމަށާ، މިއީ އެއަށް ވުރެ ސްޓޭބަލް އެއްޗެއް ކަންވެސް ފެމްއިން ވަނީ ފާހަގަ ކޮށްފައެވެ.

އޯގަސްޓް 4، 2020 ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ގޮވި ފުރަތަމަ ގޮވުން/ފޮޓޯ: އަންވަރު އަމްރޯ

މިދިޔަ އަންގާރަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުން ގޮވާފައި ވަނީ، 2750 މެޓްރިކް ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގޮވައިގެން ކަމަށް ލުބްނާނުން ދަނީ ބުނަމުންނެވެ. ފެމްއިން ބުނާ ގޮތުގައި، މިއީ އެކުންފުނިން މަހެއްގެ މައްޗަށް ބޭނުން ކުރާ މިންވަރަށް ބަލާއިރު، އިންތިހާއަށް ކުޑަ އެތި ކޮޅެކެވެ. ބައެއް ގައުމުތަކަކީ އަހަރެއްގެ މައްޗަށް 1 މިލިއަން ޓަނަށް ވުރެ އިތުރަށް މި ކެމިކަލް ކޮމްޕައުންޑް ބޭނުން ކުރާ ގައުމުތަކެއް ކަމަށް ފެމްއިން ފާހަގަކުރެއެވެ.

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ނުލާ، މިހާ ގިނަ ދުވަހު ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެއް ގޮވި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ލުބްނާނަށް ޕްރެޝާ ކުރަމުންނެވެ.