އެމެރިކާގެ ތާރީޚާ ބެހޭ ޕްރޮފެސަރު އެލަން ލިޗްމަންއަކީ، އިންތިހާބުތަކާ ގުޅުންހުރި ކަންކަން ލަފާ ކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފަރާތެކެވެ.
1984 ވަނަ އަހަރު 2 ވަނަ ދައުރަކަށް ރޮނާލްޑް ރޭގަން އިންތިހާބުވެ ވަޑައިގަތް އިންތިހާބުން ފެށިގެން އެމެރިކާގެ ތާރީޚު ދުށް ކޮންމެ އިންތިހާބެއް ކަށަވަރު ކުރައްވާނެ ކެންޑިޑޭޓް، ކާމިޔާބު ކަމާއެކު ޕްރޮފެސާ ލިޗްމަން ލަފާ ކުރައްވައެވެ.
ކިރިއާވެސް ހިލާފެއް އައިސްފައި ވަނީ 2000 ވަނަ އަހަރުގެ އިންތިހާބުގައެވެ. އެ ފަހަރު ޕްރޮފެސާ ލިޗްމަން ވިދާޅުވީ އަލް ގޯއަށް ކުރި ލިބޭނެ ކަމަށެވެ. އާންމުންގެ ވޯޓުގެ ނަތީޖާ ނިކުތީވެސް އެ ގޮތަށެވެ. ނަމަވެސް، އެ ފަހަރުގެ އިންތިހާބުގައި ޖޯޖް ޑަބްލިއު ބުޝްއަށް ކުރި ލިބިވަޑައިގަތުމުގައި، ފްލޮރިޑާގެ ވޯޓު އަލުން ނުގުނުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުގެ ދައުރެއް އޮތް ކަމަށް ޕްރެފެސާ ލިޗްމަން ވަކާލާތު ކުރައްވައެވެ.
އިންތިހާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓް ލަފާ ކުރެއްވުމުގައި ޕްރޮފެސާ ލިޗްމަން ބޭނުން ކުރައްވަނީ އޭނާއާއި ރަޝިއާގެ ސައެންޓިސްޓަކު އެކުލަވާލާފައިވާ "13-ކީ" ސިސްޓަމްއެކެވެ. ސިޔާސީ މަސްރަހުން ވަށާ ޖަހަލާލެވޭ އެކި ނުކުތަކާކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައި ވާ މި ނިޒާމަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދާ އިންތިހާބުގެ ނަތީޖާ ބުރަވާނެ ކެންޑިޑޭޓްގެ ނަން، ޕްރޮފެސާ ލިޗްމަން ވަނީ އިއުލާން ކުރައްވާފައެވެ.
ޕްރޮފެސާ ލިޗްމަން ވިދާޅުވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ޓްރަމްޕާ ވީ ކޮޅަށް ނަތީޖާ ބުރަވާކަށް ނެތެވެ. ވައިޓްހައުސްއިން ޖާގަ ކަށަވަރު ކުރުމަށް ޓްރަމްޕަށް ފުރުސަތު ނެތް ކަމަށް ޕްރޮފެސާ ލިޗްމަން ވިދާޅުވީ، އެމެރިކާގެ އިގުތިސޯދީ މަސްރަހާ، އިޖުތިމާއީ ހަމަނުޖެހުންތަކާ، ވާދަވެރި ކެންޑިޑޭޓުންނަށް ރިއާޔަތް ކުރެއްވުމަށް ފަހުގައެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން "13-ކީ" ސިސްޓަމަށް ބަދަލު އައިސްދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޕްރޮފެސާ ލިޗްމަން ވިދާޅުވީ، މިއީ އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން ގޮސްފައިވާ ނިޒާމެއް ކަމަށާ، އެކަމަށް ބަދަލު ގެނެވެން ނެތް ކަމަށެވެ.
ނޮވެމްވަރު 3 ވަނަ ދުވަހުގެ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރުވެސް ކުރީގައި އޮތީ ޓްރަމްޕާ ދެކޮޅަށް، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންކަން ފާހަގަ ކުރަންޖެހެއެވެ.