ލުބްނާންގެ ވެރިރަށް ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ވަރުގަދަ ގޮވުމެއް ގޮވި ގުދަނުގައި އެ ޖަމާއަތުގެ އެއްވެސް މުދަލެއް ރައްކާކޮށްފައި ނުހުންނާނެ ކަމަށް ހިޒްބުއްލޯ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ބުނެފިއެވެ.
ޓީވީ މެދުވެރިކޮށް ދުރަށް ފޮނުވި މެސެޖެއްގައި ނަސްރުﷲ ބުނީ، ބަނދަރު ސަރަހައްދުގައި އެ ޖަމާއަތުގެ އެއްވެސް އެއްޗެއް ރައްކާކޮށްފައި ނުހުންނާނެ ކަމަށާ، މިހާރު ކުރިއަށް ދާ ތަހުގީގުތަކުން ހަގީގަތް ހާމަވެގެންދާނެ ކަމަށެވެ.
އަންގާރަ ދުވަހުގެ ގޮވުމުގައި އެ ޖަމާއަތުގެ ބައެއްގެ ފުރާނަ ގެއްލި، އަނިޔާ ލިބިފައިވާ ކަމަށްވެސް ނަސްރުﷲ ވަނީ ހާމަކޮށްފައެވެ.
މިމޭރުމުން ވާހަކަދައްކަމުން ނަސްރުﷲ ވަނީ މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ. އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް އެއް ގަލަކަށް އެރުމަށްވެސް އޭނާ ވަނީ ބާރު އަޅާފައެވެ. މި ހާދިސާގައި ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރެވެންޖެހޭނެ ކަމަށާ، އެއްވެސް މީހަކަށް ހިމާޔަތް ދީގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
ކަންމިހެން އޮތްއިރު، ލުބްނާނުގެ ރައީސް މައިކަލް އައުން ވަނީ، މިހާދިސާގެ ތަހުގީގެއް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ލީޑަރުންނާ ލުބްނާނުގެ ރައްޔިތުން ގޮވާލަމުންދާ ދިއުމަށް ފުރަގަސް ދެއްވާފައެވެ.
މިހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގެއް ހިންގުމަކީ "ހަގީގަތުގެ" ބާރު ކެނޑި، ފުރިހަމަ ހަގީގަތާ ހިސާބަށް ވާސިލު ނުވެވިދާނެ ކަމެއްކަން ދޭހަވާ ފަދަ މޭރުމަކުން އައުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގެ އިތުރުން، ޚުދު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައިވެސް އައުންވަނީ މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައެވެ.