މިދިޔަ އަންގާރަ ދުވަހު ލުބްބާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި، ބާރުގަދަ ގޮވުމުގެ މަންޒަރުތަކެއް ކަމަށް، ހަގީގަތް އޮޅޭ ގޮތަށް އެޑިޓްކޮށްފައިވާ މަންޒަރުތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ދައުރުވަމުން އަންނަ ކަމަށް، ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.
ސީއެންއެންއިން ބުނާ ގޮތުގައި އެޑިޓްކޮށްގެން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މަންޒަރުތަކުގެ އަސްލު ފުޓޭޖަކީ މަންޒަރު ދުށް މީހުންނާ، ސީއެންއެންއިން ނަގާފައިވާ މަންޒަރުތަކެކެވެ. ބެއިރޫތު ބަނދަރު ސަރަހައްދުގައި ދުމުގެ ވިލާގަނޑެއް އުފުދިފައިވާ މަންޒަރުގެ އެޑިޓްކޮށްފައިވާ މަންޒަރުތައް ފެންނަނީ ނެގެޓިވްއެއް ފަދައިން ކަމަށާ، އެ މަންޒަރުތަކުން މިސައިލެއް ސިފަކުރުވާ ފައިވާކަމަށްވެސް ސީއެންއެންއިން ވަނީ ފާހަގަކޮށްފައެވެ.
އެޑިޓްކޮށްފައިވާ ބައެއް މަންޒަރުތައް ނަގާފައިވަނީ ބެއިރޫތުގައި ހަރަކާތްތެރިވާ ސީއެންއެންގެ ޕްރޮޑިއުސަރު މިހްސާން މެހްތްފީގެ ފޭސްބުކް އެކައުންޓުންނެވެ. އޭނާ މިމަންޒަރުތައް ނަގާފައިވަނީ ބަނދަރު ސަރަހައްދުގައި ހިނގާފައި ދިޔަ ވަގުތެއްގައެވެ. މިއީ އޭނާ އާންމުކޮށް ކުރާ ކަމެއް ކަމަށްވެސް ވެއެވެ.
"ވީޑިއޯ ފެނިގެން ވަރަށް ގިނަ މީހުން ގުޅާފަ ބުނި ތީ ފޭކު ވީޑިއޯއެކޭ. އަހަރެން ބުނީ އަސްލު ވީޑިއޯ އަހަރެން އަތުގަ އެބައޮތޭ. އަސްލު މަންޒަރުތަކުގައި މިސައިލެއް ނުފެންނާނޭ. ދައުރުވަނީ އެޑިޓްކޮށްފައިވާ މަންޒަރުތަކެކޭ" ސީއެންއެންގެ ބެއިރޫތު ޕްރޮޑިއުސަރު ބުންޏެވެ. އޭނާ ވަނީ ހާދިސާ ހިނގިއިރު މަތިންދާ ބޯޓެއް ނުވަތަ ޑްރޯންއެއްގެ އަޑުވެސް އެ ސަރަހައްދުން ނީވޭ ކަމަށް ބުނެފައެވެ.
ވީޑިއޯ އެޑިޓް ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތާވެސް ސީއެންއެންއިން ވަނީ ވާހަކަ ދައްކާފައެވެ. އެއީ އޭނާ ދެކެ ރުޅި އަންނަ ބަޔަކު ނުވަތަ މީހަކު ކުރި ކަމެއް ކަމަށާ، އެވީޑިއޯގައި އޭނާގެ އީމެއިލް ޖެހީވެސް އެ ފަރާތަކުން ކަމަށް އެމީހަކު ބުނި ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓްކޮށްފައެވެ.
ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ، ޔޫޓިއުބް އަދި ޓިކްޓޮކްގައި އެޑިޓްކޮށްފައިވާ މަންޒަރުތައް ދައުރުވާއިރު، އެ މައްސަލަ ހައްލު ކޮށްދިނުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެދިފައިވާނެ ކަމަށާ، ނަމަވެސް މިހާތަނަށް އިޖާބައެއް ލިބިފައިވަނީ ޓިކްޓޮކްއާއި ޔޫޓިއުބްއިން އެކަނި ކަމަށްވެސް ސީއެންއެންއިން ބުނެއެވެ.