ލުބްނާނުގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ބެއިރޫތުގެ މަގުތަކަށް ނިކުތް މުޒާހަރާގެ ބައިވެރިނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިންގައިފިއެވެ.

ގާނޫނު ހަދާ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ޖަމާވެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔައިރު، ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮލަށް ކަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ.

ބެއިރޫތުގައި ރޭ ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ، ހުސްވި ހަފުތާގެ އަންގާރަ ދުވަހު ލުބްނާނުގައި ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން ކުރި މުޒާހަރާއެކެވެ. ގިނަ ބަޔަކު ބުނަމުންދަނީ އޯގަސްޓް 4 ވަނަ ދުވަހުގެ ނުރައްކާތެރި ގޮވުމަކީ ސަރުކާރުގެ އިހުމާލުން ހިނގި ކަމެއް ކަމަށެވެ.

ލުބްނާނުގެ ބަނދަރު ސަރަހައްދުގައި އޯގަސްޓް 4، 2020 ވަނަ ދުވަހު ގޮވި ބާރުގަދަ ގޮވުމުގައި އުފެދުނު ވަޅުގަނޑު/ފޮޓޯ: ޕްލެނެޓް ލެބްސް އިންކޯޕަރޭޝަން

2014 ވަނަ އަހަރުން ފެށިގެން އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އެޅުމެއް ނެތި، 2750 މެޓްރިކް ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވައިގެން ހިނގި މި ހާދިސާގައި 137 މީހެއްގެ ފުރާނަ ގެއްލި 5000 އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

ގިނަ ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ. ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ދިރި ތިއްބާ މީހުން ފެންނާނެ ކަމުގެ އުއްމީދު އަދިވެސް އެބަ އޮތްކަން ހާމަކޮށްފައެވެ.

މާލީ، އިގުތިސޯދީ، އަދި އުމްރާނީ ގޮތުންވެސް ފޫބައްދަން ދަތި، ބޮޑެތި ގެއްލުންތަކެއް ލުބްނާނަށް ވަނީ ކުރިމަތި ވެފައެވެ. މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ލުބްނާނުންވެސް ކުރިމަތިލަމުންދާ ދަނޑިވަޅަކަށްވާއިރު، އަންގާރަ ދުވަހުގެ ހާދިސާއާއި ގުޅިގެން، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެގައުމުން މި ބަލި ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވަނީ އިންޒާރު ކުރައްވާފައެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުން އޯގަސްޓް 5، 2020 ވަނަ ދުވަހުވެސް ދުން އަރަމުންދަނީ/ފޮޓޯ: މަރްވާން ތޯތޯ

ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ލުބްނާނުގެ ސަރުކާރުން ހާމަކޮށްފައިވާއިރު، މިމައްސަލާގައި 16 މީހަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިހާދިސާއަށް ފަހު 2 އޮފިޝަލަކު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. އިސްތިއުފާ ދެއްވި އޮފިޝަލުންނަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަރްވާން ހަމާދީއާއި، ލުބްނާނުން އުރުދުންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓްރޭސީ ޝައްމޫންއެވެ. އޭނާ މިމަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ލުބްނާނުގެ ލީޑާޝިޕް ބަދަލުވާންޖެހޭ ކަމަށް ވިދާޅުވެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިންވަނީ ލުބްނާނުގެ ހާދިސާގެ މިނިވަން ތަހުގީގެއް، ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުންނާއެކު ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފުރިހަމަ އިންސާފު ލިބެން އޮތީ އެގޮތުގައި ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ފާހަގަކޮށްފައެވެ.

އަންގާރަ ދުވަހު ބެއިރޫތު ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުން ގޮވިއިރުވެސް ލުބްނާނުގެ މަސްރަހު އޮތީ ނުތަނަވަސްވެފައެވެ. 1975-1990 އަށް ލުބްނާނުގައި ކުރި ދާހިލީ ހަނގުރާމައަށްފަހު އެގައުމުގެ އިގުތިސޯދީ މަސްރަހު ދުށް އެންމެ ހީނަރު ދުވަސްތަކާ ކުރިމަތިވެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއްވެސް ދިޔައީ ކުރިއަށެވެ. މީގެ އިތުރުން 2005 ވަނަ އަހަރު ލުބްނާނުގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލި ހާދިސާގައި 4 މީހެއްގެ މައްޗަށް ހުކުމް އިއްވަންވެސް ވަގުތީ އޮތީ ކުޑަތަންވެފައެވެ. މި ކަން ތާވަލުކޮށްފައި ވަނީ މިއަދުގެ ވަގުތަކަށެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ.