މިދިޔަ އަންގާރަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތު ގުޑުވާލި ވަރުގަދަ ގޮވުމުގެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް، ބައިނަލްއަގުވާމީ ތަޖުރިބާކާރުންނަށް ފުރުސަތު ދިނުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން، ލުބްނާނުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

އެޗްއާރްޑަބްލިއުއިން ލުބްނާނުގެ މަސްރަހު ދިރާސާ ކުރަމުންދާ އާޔާ މަޖުޒޫބު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރު ފެއިލްވެފައިވާކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތައް ފެއިލްވެފައި ވުމާ، ސަރުކާރުގެ މުއްސަސާތަކުގެ މައްޗަށް އާންމުންގެ އިތުބާރު ގެއްލިފައި ވާއިރު، އަންގާރަ ދުވަހުގެ ގޮވުމުގެ ހާދިސާގައި ތަކުލީފު އުފުލަންޖެހުނު ފަރާތްތަކަށް ފުރިހަމަ އިންސާފު ހޯދާ ދިނުމަށްޓަކައި، މިނިވަން ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންނަށް ފުރުސަތު ދެވެން ޖެހޭ ކަމަށެވެ.

ހާދިސާގެ ތަހުގީގު ވާންޖެހޭ، ހާދިސާ ހިނގަން މެދުވެރިވި ސަބަބާ އެކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ކަނޑައަޅަނިވި ތަހުގީގަކަށް ކަމަށާ، އަދި އެއީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން ހުށަހަޅާ ހުށެޅުންތަކެއްވެސް ބަޔާންކޮށްދެނިވި ތަހުގީގަކަށް ކަމަށް އެޗްއާރްޑަބްލިއުގެ ބަޔާނުގައިވެއެވެ.

އަންގާރަ ދުވަހުގެ ގޮވުމުގައި އެކި ގޮތް ގޮތުން ގެއްލުންވި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސާދީ، ފެނާ ކާބޯތަކެތި ލިބޭނެ އިންތިޒާމާ، ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސާދީ، ތަފާތު ކުރުމެއް ނެތި އެހީގެ ތަކެތި ފޯރުކޮށްދިނުމަކީ ލުބްނާނުގެ ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭނެ ކަންތައްތަކެއް ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

ދެފުށް ފެންނަ، ސައްހަ ތަހުގީގެއް ލުބްނާނުގެ ޝަރުއީ ދާއިރާއަށް ހިންގިދާނެ ކަމާ މެދުވެސް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ސުވާލު އުފައްދާފައެވެ. ލުބްނާނުގެ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރާ ވާހަކައަކީ އެތައް އަހަރެއް ވީއިރުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށް އެޗްއާރްޑަބްލިއުގެ ބަޔާނުގައިވެއެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ބަނދަރު ސަރަހައްދުގެ ގުދަނުގައި ގިނަ އަދަދަކަށް އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރިކަން ބައެއް ފަނޑިޔާރުންނަށް އެނގޭ ކަންވެސް އެޗްއާރްޑަބްލިއުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަންގާރަ ދުވަހުގެ ވަރުގަދަ ގޮވުން ގޮވާފައިވަނީ، ބަނދަރު ސަރަހައްދުގެ ގުދަނެއްގައި ކަމަށާ، އެ ތަނަކީ 2014 ވަނަ އަހަރުން ފަށައިގެން 2750 މެޓްރިކް ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައިވާ ގުދަނެއްކަން ލުބްނާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކަމުގެ ނުރައްކާ ބޮޑުކަމާއެކު، އެތަން ހުސްކުރުމަށް ކޯޓުން އަމުރު ކޮށްފައިވާކަމަށާ، އެވަރުންވެސް އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ފެއިލްވިކަމަށް ޚަބަރު ލިބެއެވެ.

ލުބްނާނުގައި އަންގާރަ ދުވަހު ހިނގި ހަދިސާގައި މަރުވި މީހުންގެ އަދަދު 135 އަށް އަރާފައިވާއިރު، 5000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.