ލުބްނާނުގެ ބަނދަރު ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުމާއެކު 405 ފޫޓުގެ ބޮޑު ވަޅުގަނޑެއް އުފެދިފައިވާކަމަށް ޕްލެންޓް ލެބްސް އިންކޯޕަރޭޝަންގެ ސެޓެލައިޓް ފޮޓޯއާއި ހަވާލާދީ، ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.

މިއީ ގާތްގަނޑަކަށް ފުޓުފޯޅަ ދަނޑެއްގެ ދިގު މިނެވެ. މި ވަޅުގަނޑުގެ ފުން މިނާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ.

މި ގޮވުމުގެ ވަރުގަދަކަން، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކާ މަންޒަރުތަކުންވެސް ފެނިގެންދެއެވެ. ގޮވުމާއެކު އުފެދުނު ލޮޅުންގަނޑު، ރެކްޓާ މިންގަންޑުން 4.5 ގެ ބާރު މިނުގައި އަންނަ ބިންހެލުމެކޭ އެއްވަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޕޯޓް ސަރަހައްދުގައި ގޮވި ވަރުގަދަ ގޮވުމުގެ އަސަރު، އެތައް ކިލޯމީޓަރު ދުރުން އޮތް ސައިޕްރަސްއަށްވެސް ކުރެވުނެވެ.

ލުބްނާނުގެ ރައްޔިތުން ސިފަކުރި ގޮތުގައި، ގޮވުގެ އަޑު ފަށްގަނޑުވެސް، ކަންފަތް ބީރުކޮށްލާ ފަދައެވެ. ޕޯޓް ސަރަހައްދާ އެތައް ކިލޯމީޓަރު ދުރުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކާ ބިއްލޫރިތައްވެސް ތަޅައިގެން ދިޔަ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ލިބެމުންދާ އެންމެ ފަހުގެ މަންޒަރުތަކަށް ބަލާއިރު ބަނދަރު ސަރަހައްދު ވަނީ އެކީ އެކައްޗަކަށް ސުންނާފަތިވެފައެވެ. ކަމާބެހޭ ފަރާތްތަކުން މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގަން މެދުވެރި ހާލަތް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތަކާ ތަހުގީގުތައް ކުރަމުންނެވެ.