ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން، ބެއިރޫތު ޕޯޓް އޮފިޝަލުންތަކެއް ގޭ ބަންދުގައި ބައިތިއްބާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އަންގާރަ ދުވަހުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 135 އަށް އަރާ، ޒަހަމްވި މީހުންގެ އަދަދު 5000 އިން މައްޗަށް އަރާފައިވާއިރު، 2 ހަފުތާގެ މުއްދަތަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ އަމުރު މިހާރު ވަނީ ތަންފީޒު ކުރަން ފަށާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، ރައްކާތެރި ކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލާ އެތައް އަހަރެއް ވަންދެން ގުދަން ކޮށްފައި ހުރި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުން ކަމަށް ލުބްނާނުގެ ރައީސް މައިކަލް އައުން ވިދާޅުވާއިރު، އެ ކެމިކަލްތައް އެ ތަނުން ނެގުމަށް އަންގި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށް، ލުބްނާން ކަސްޓަމްސްގެ އިސްވެރިޔާ ބަދްރީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ބެއިރޫތު ކަސްޓަމްސް އަދި ޕޯޓް ސަރަހައްދުގެ އިސްވެރިޔާ ވިދާޅުވީ ގުދަން ކޮށްފައި ހުރި ތަކެތި އެކްސްޕޯޓް ކުރުމަށް ނުވަތަ ވިއްކާލަ ދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

ބަނދަރު ސަރަހައްދުގެ ޖެނެރަލް މެނޭޖަރު ހަސަން ކުރައިތީމް ވިދާޅުވީ، ގުދަނެއްގައި މި ތަކެތި ރައްކާ ކުރުމަށް ކޯޓުން އަމުރު ކުރިއިރުވެސް މިއީ ނުރައްކާތެރި ކަމެއް ކަން އެނގޭ ކަމަށާ، ނަމަވެސް މިވަރުގެ ކަމެއް ހިނގާފާނެ ކަމަށް އޭރު ނުވިސްނުނު ކަމަށެވެ.

ލުބްނާނުގެ ސުޕްރީމު ޑިފެންސް ކައުންސިލުން ވަނީ މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފައެވެ.

ލުބްނާނުގެ އިންފޮމޭޝަން މިނިސްޓަރު، މަނާލް ޢަބްދުލް ސަމަދު ވިދާޅުވީ، ޕޯޓް އޮފިޝަލުންގެ ތެރެއިން ގޭ ބަންދުކޮށްފައިވަނީ ރައްކާކޮށްފައިވާ އެމޯނިއަމް ނައިޓްރޭޓްއާއި ގުޅުން ހުރި ކަންކަން ޖޫން 2014 އިން ފެށިގެން މެނޭޖުކުރި އޮފިޝަލުންނާ، އެ ތަކެތި ގާޑުކުރި އޮފިޝަލުންގެ އިތުރުން ލިޔެކިއުންތަކާ ބެހޭ މަސައްކަތް ކުރި އޮފިޝަލުން ކަމަށެވެ.