ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުންތަކުގައި މަރުވި މީހުންގެ އަދަދު 78 އަށް އަރާ، ޒަހަމްވި މީހުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރައިފިއެވެ.

މުޅި ސިޓީ ގުޑުވާލި ވަރުގަދަ ގޮވުން ގޮވާފައިވަނީ ބަނދަރު ސަރަހައްދުގައި ހުރި ގުދަނެއްގައެވެ.

ލުބްނާނުގެ ރައީސް މައިކަލް އައުން ވިދާޅުވި ގޮތުގައި، މި ގުދަނުގައި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވެފައިވާއިރު، މި ތަކެތި ރައްކާކޮށްފައިވަނީ ސަލާމަތީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ނުބަލާ، ނުރައްކާތެރި ގޮތެއްގައެވެ.

މި ގުދަނުގައި ހުރި އެމޯނިއަމް ނައިޓްރޭޓްއަކީ 2013 ވަނަ އަހަރު ބޯޓުން ބޭލި ގޮތަށް އެ ގުދަނުގައި ބަހައްޓާފައި ހުރި މާއްދާތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ރައީސް އައުން ވަނީ މިއަދުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންދަވާނެ ކަމަށާ، ކުރިއަށް އޮތް 2 ހަފުތާއަކީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ މުއްދަތަކަށް ވާންޖެހޭ ކަމަށްވެސް ވިދާލުވެފައެވެ. އަންގާރަ ދުވަހުގެ ހާދިސާއާއި ގުޅިގެން މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ލުބްނާނުގައި ވަނީ ގައުމީ ހިތާމަ އިއުލާން ކޮށްފައެވެ.

މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ފަންޑުން 66 މިލިއަން ޑޮލަރު ހަރަދު ކުރަން ސަރުކާރުން ނިންމާފައިވާކަމަށްވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

ހާދިސާ ހިނގި ގޮތުގެ ތަހުގީގުތައް ކުރިއަށް ދާއިރު، ލުބްނާނުގެ ދިފާއާ ބެހޭ އެންމެ މަތީ ކައުންސިލުން ވަނީ މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެކަމަށް ބުނެފައެވެ.

މުޅި ބެއިރޫތު ސިޓީހެން ހަފުސް ކޮށްލި ވަރުގަދަ ގޮވުން ގޮވާފައި މިވަނީ ސިއްހީ، ސިޔާސީ، އިގުތިސޯދީ އަދި މާލީ ގޮތުން ލުބްނާނުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިދަނޑިވަޅަކީ 2005 ވަނަ އަހަރު، ލުބްނާނުގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވާހަރަކޮށްލި ހާދިސާއާ ގުޅިގެން، އެކަމުގައި ދައުވާ ލިބޭ ފަރާތްތަކަށް ހުކުމް އިއްވުމަށްވެސް ވަގުތު ތަންވެފައި ވާ ދަނޑިވަޅެއްކަންވެސް ފާހަގަކުރަންޖެހެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރި ހުރިހާ އިމަރާތެއް ހެން ބިމާ ހަމަވެފައިވާއިރު، އެތައް ކިލޯމީޓަރެއް ދުރުން އޮންނަ ސައިޕްރަސްއަށްވެސް ގޮވުމާއެކު އުފެދުނު ލޮޅުމުގެ އަސަރު ކުރި ކަމަށް ޚަބަރު ލިބެއެވެ.

އެމޯނިއަމް ނައިޓްރޭޓްއަކީ މައިގަނޑު 2 ބޭނުމެއް އޮންނަ ކެމިކަލެކެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އުފެއްދުމަށް މި މާއްދާ ބޭނުން ކުރާއިރު، ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ ގޮވާތަކެތި އުފައްދަނީވެސް މިމާއްދާ ބޭނުންކޮށްގެންނެވެ. މި މާއްދާ އަލިފާނަށް ހުށަހެޅި ގޮވާ ގޮވުމުގައި، ވިހަ ގޭސްތައް އުފެދިގެން ދެއެވެ. އެގޮތުން، އެމޯނިއަމް ނައިޓްރޭޓް ގޮވާއިރު ނައިޓްރޮޖަން އޮކްސައިޑްއާއި އެމޯނިއާ ގޭސް އުފެދިގެން ދެއެވެ. މި މާއްދާއަކީ އިންތިހާއަށް އަލިފާން ހިފުން ގާތް މާއްދާއެއް ކަމުން، މި މާއްދާ ރައްކާ ކުރުމަށް މަތީ ފެންވަރުގެ މިންގަނޑުތަކެއް ކަނޑައަޅާފައި އޮވެއެވެ.