މީހުން އުޅޭ ހުރިހާ ރަށްރަށުގައި ވެސް ރައްޔިތުން ފޮތި މާސްކް އަޅަން އިލްތިމާސް ކޮށްފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ރައްޔިތުން މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް އެދިފައި ވިޔަސް އެކަން މަޖުބޫރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ހުރިހާ އުޅަދެއްގައި ދަތުރުފަތުރު ކުރާ ވަގުތު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މިހާރު ކޮވިޑް ފެތުރެމުންދާ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ތިބި މީހުން ރަށްރަށަށް ދާން ބޭނުންވި ނަމަވެސް ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފުރަބަންދުގެ ކަރަންޓީނަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ފަރާތްތަކަށް އެކަނި ކަމަށް ސާމިޔާ ވިދާޅުވިއެވެ. އެ ގޮތަށް އަމަލު ކުރަން ނިންމާފައިވަނީ މިހާރު 10 ރަށެއްގައި ކޮވިޑް ބައްޔަށް ޕޮޒިޓިވް ކޭސް ފެނިފައި ވުމުން ކޮވިޑް ކޭސް ރަށްރަށުގައި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް އެޗްއޯސީން ބުނެއެވެ.