ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުގެ އަމާޒުތަކަކަށް އިސްރާއީލުން ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވާނީ ގައްޒާއިން ޓެރަރިޒަމްގެ އަމަލު ހިންގަން ބޭނުން ކުރާ މަރުކަޒުތަކަކަށް ކަމަށެވެ. އިސްރާއީލު އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގައްޒާއިން ހިންގާ ހަރަކާތްތަކުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ހަމާސް ޖަމާއަތް ކަމަށެވެ.

ނަމަވެސް ހަމާސް ޖަމާއަތުން ވަނީ، މިއީ ހަމަލާތައް ވަރުގަދަ ކުރުމަށް ދިން ސާފު މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރޭގެ ހަމަލާތަކާ ގުޅިގެން ހަމާސް ޖަމާއަތުން ބުނީ ގައްޒާއަކީ މިފަދަ ކާރިސާތައް ކުޅިވަރަކަށް ހަދައިގެން ކުޅޭ މައިދާނަކަށް ގައްޒާ ވެގެން ދިއުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. ރައްދުގައި ގައްޒާއިންވެސް ހަމަލާ ދޭނެ ކަމަށާ، އެ ހަމަލާއަކީ ގައްޒާގެ ރައްޔިތުން އުފުލަމުންދާ ވޭނާ އެކަށޭނަ ވަރުގެ ހަމަލާއަކަށް ވާނެ ކަމަށްވެސް ހަމާސް ޖަމާއަތުން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލާ ގައްޒާއާއި ދެމެދު އެންމެ ފަހުން ހަނގުރާމައެއް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ދެބައި މީހުންގެ މެދުގައި ހަމަލާ ބަދަލުކޮށްފައިވާއިރު، ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުންގެ ފުރާނަ ވަނީ ގެއްލިފައެވެ.