ޑާކް ޗޮކްލެޓަކީ ހިތުގެ ސިއްހަތަށް އެހީވެދޭ ބާވަތެއް ކަމަށް ދާދި ފަހުން، ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

ދިރާސާގެ މުސައްނިފު، ޓެކްސަސްގެ ބޭލޯ ކޮލެޖް އޮފް މެޑިސިންގެ ޑރ ޗާޔަކްރިތް ކްރިޓްނަވޮންގް ވިދާޅުވާ ގޮތުގައި ހިތުގެ ލޭ ހޮޅިތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ޗޮކްލެޓުން އެހީވެދޭ ކަމަށެވެ.

"ޗޮކްލެޓް މުއްސަނދިވެފައިވަނީ ހިތަށް ފައިދާ ކުރަނިވި ފްލޭވަނޮއިޑްސް، މެތީލްޒެންތައިންސް، ޕޮލީފެނޯލްސް އަދި ސްޓިއަރިޗް އެސިޑް ފަދަ މާއްދަތަކުން. މިއީ އިންފްލަމޭޝަން ކުޑަކޮށްދީ، (ރަނގަޅ) ކޮލަސްޓްރޯލް އިތުރު ކޮށްދޭ މާއްދާތަކެއް" ޑރ ކްރިޓަނަވޮންގް ވިދާޅުވިއެވެ.

ހިތާ ޗޮކްލެޓްގެ ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ވިކީހައު

ލިޔަން އަދި ފަރިތަކޮށް ކިޔާލަންވެސް އުނދަގޫ ފްލޭވަނޮއިޑްސް، މެތީލްޒެންތައިންސް، ޕޮލީފެނޯލްސް އަދި ސްޓިއަރިޗް އެސިޑް މާއްދާތަކަކީ، ލޭ ހިނގުން ރަނގަޅުކޮށްދީ، މޫޑާ ވިސްނުންތެރިކަން ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާތަކެކެވެ.

ކޮކޯ ބޭނުންކޮށްފައިވާ އުފެއްދުމެއްގެ އެންމެ ސާވިންގްއަކުންވެސް ގިނަ އަދަދެއްގެ ފައިޓޯކެމިކަލް އޮކްސިޑަންޓްސް ލިއްބައިދެއެވެ. ޕްރޯސައިނަޑިންސްވެސް ގިނައިން އުފައްދާދެއެވެ. މިއީ (ގޯސް) ކޮލަސްޓްރީލް ބްލޮކް ކުރަން އެހީވެދޭ ކަމެކެވެ.

ޗޮކްލެޓާ ބެހޭ އާދަޔާ ހިލާފު އިތުރު ކަމަކަށް ބަލާއިރު، ދުވަސްވާ ވަރަކަށް އޭގައި އެކުލެވޭ އެންޓިއޮކްސިޑަންޓް މާއްދާތަކަށް ހީނަރުކަމެއް ނާދެއެވެ. ގްރީން ޓީގައި އެކުލެވޭ މި މާއްދާގެ ބާރު، ދުވަސްވާ ވަރަކަށް ކެނޑިދެއެވެ. މިއާ ހިލާފަށް ޗޮކްލެޓެއްގައި އެކުލެވޭ އެންޓިއޮކްސިޑަންޓް މާއްދާތަކަށް ހީނަރުކަމެއް ނައިސް 50 ހަފުތާ ދެމި ހުންނައިރު، ކޮކޯ ބީންސްގައި 75 އަހަރަށް މި ބާރު ދެމި ހުރެއެވެ.

ޗޮކްލެޓް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

މި ދިރާސާއަކީ ފާއިތުވީ ބައި ގަރުނެއްހާ ދުވަހު ކުރި ދިރާސާތަކަށް ރިއާޔަތް ކުރާ ދިރާސާއެކެވެ. ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ހަފުތާއަކު 1 ފަހަރަށްވުރެ ގިނަ ފަހަރު ޗޮކްލެޓް ކެއުމަކީ، ކޮރޮނަރީ އާޓަރީ ޑިޒީޒް ޖެހުމުގެ ފުރުސަތު 8 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ.

މީގެ ކުރީގެ ދިރާސާތަކުގައިވެސް މިފަދަ ވާހަކަތަކެއް ހުރެއެވެ. ކޮކޯ ބޭނުން ކުރުމަކީ ހިތުގެ ބަލިތަކާ ދުރު ކޮށްދޭ ކަމެއަމާވް ކަމަށް ބުނެވެއެވެ. ކޮކޯ ބޭނުން ކުރުމަކީ ލޭ ހޮޅިތަކުގެ ބޭރު ފަށަލާގައި ޕްލާގް ޖަމާވުމުން ދުރުކޮށްދީ، ރޭގެ ޕްރެޝަރު ދަށް ކުރަން އެހީވެދޭ ކަމެކެވެ. މިއީ ސްޓްރޯކްއާއި ހާޓް ފެއިލްވުން ފަދަ ނުރައްކާތެރި ހާލަތްތަކުންވެސް ސަލާމަތް ކޮށްދޭ ކަމެއް ކަމަށް ބުނެވެއެވެ.

ޗޮކްލެޓް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެފްޖީސީ އެންޒީ

ޗޮކްލެޓްގެ ފައިދާ ގުޅިފައިވަނީ ހަމައެކަނި ހިތަކާ ނޫނޭވެ. މިއީ ސިކުނޑިއަށް ލޭ ފޮނުވުމަށްވެސް އެހީވެދޭ ކަމެކެވެ. މިއީ ވިސްނުމުގެ ބާރު ތޫނިފިލި ކުރުމަށް ވެވޭ އެހީއެކެވެ. ފިޓްނަސް ޓްރެއިނިންގްތަކުގައި އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށްވެސް ބުނެވެއެވެ. ނަމަވެސް، މާ ގިނައިން ޗޮކްލެޓް ކެއުމަކީ ގައިގެ ހަމަށް މާ ރަނގަޅު ކަމެއް ނޫންކަމަށް ބުނާ ދިރާސާއެއްވެސް ދާދި ފަހުން ވަނީ ފެނިފައެވެ. އެގޮތުން ޗޮކްލެޓް ކެއުމަކީ މޫނުގައި އޮށާޅަ ނެގުމަށް މަގުފަހި ކުރާ ކަމެއް ކަމަށް ބުނެވެއެވެ.

ޗޮކްލެޓާ ގުޅިގެން މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ހާއްސަ ކޮށްފައިވަނީ ޑާކް ޗޮކްލެޓަށެވެ. އެހެނީ، ޗޮކްލެޓްގައި އެކުލެވޭ "ރަން" ނުވަތަ ކޮކޯގެ ނިސްބަތް އެންމެ ގިނަވާނީ، ޗޮކްލެޓް "ޑާކް" ވާ ވަރަކަށް ކަމަށް ވުމުންނެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ބޭނުން ކުރާ ޗޮކްލެޓަކީ، ތައްޔާރީ މާއްދާތަކުން ތަގައްޔަރުވެފައިވާ ޗޮކްލެޓަކަށް ވެއްޖެނަމަ ހަގީގީ ފައިދާއިން މަހްރޫމު ވާނެ ކަމެވެ. ތައްޔާރީ މާއްދާތައް އެއްކުރަން ވެއްޖެނަމަ ހަގީގީ ފައިދާތައް އޮންނަނީ ހީނަރުވެފައެވެ.

ޗޮކްލެޓް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސުޕަމާކެޓް ޕެރިމީޓާޒް

މިލްކް އަދި ވައިޓް ޗޮކްލެޓާ އަޅާ ބަލާއިރު ޑާކް ޗޮކްލެޓްގައި ހަކުރާ ކެލަރީޒް އެކުލެވޭ މިންވަރު އިންތިހާއަށް މަދެވެ. އެހެނީ އަނެއް 2 ބާވަތަކީ ޕައުޑަރު ނުވަތަ ކޮންޑެންސްޑް ކިރާ އެއްކޮށްފައިވާ ބާވަތްތަކަށް ވާތީއެވެ. މިހާތަނަށް ބަލާއިރު، އެންމެ ދުޅަހެޔޮ ނިންމުމަކަށް ވާނީ ޑާކް ޗޮކްލެޓް ނުވަތަ ތައްޔާރީ މާއްދާތަކުން ތަގައްޔަރުވާ މާއްދާތަކުން ޕްރޮސެސް ކޮށްފައި ނުވާ ކޮކޯ ޕައުޑަރު ބޭނުން ކުރުމެވެ.

ހިތާ ޗޮކްލެޓްގެ ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ކްރިސްޓީން ބެއިލީ

ފަހަރެއްގައިވެސް މީގެ މާނައަކީ ހިތު ހުރި ވަރަކަށް ޑާކް ޗޮކްޓްލެޓްތައް ކާންވީ ވާހަކައެއް ނޫނެވެ. އެއީ ރަނގަޅު ނިންމުމަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް، ކާމެލް އާއި ބަދަނުގެ ބާވަތްތަކާ އެއްކޮށްފައިވާނަމައެވެ. އެންމެ ރަނގަޅު މިންވަރަކީ ކޮބައޮތޯ ބަލާއިރު، އެންމެ ބުއްދިވެރި ގޮތަކީ ހަފުތާއަކު މަދު ފަހަރަކު، ކޮންމެ ފަހަރަކު އައުންސެއްހާ ޗޮކްލެޓް ބޭނުން ކުރުމެވެ. އަދި ފްލޭވަނޮއިޑްސް ހޯދުމަށް، ޑައެޓްގައި އާފަލު، ސައި، ހުތް މޭވާ، ފިޔާ އަދި ބެރީޒް ބޭނުން ކުރުމެވެ.