ސިއްހީ ދާއިރާގައި ބައި ގަރުނެއްހާ ދުވަހު ހިދުމަތް ކުރެއްވި ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ އަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރީމްބެއަކީ 47 އަހަރަށް ވުރެ ދިގު މުއްދަތަކު ސިއްހީ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ހިދުމަތްތެރިޔާ އަވަހާރަވުމުގެ ހިތާމައިގައި އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ދުއާއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް އަބްދުލްކަރީމް އާދަމް ލެހެއްޓެވުމެވެ. އާމީން."
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަހްސިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަރީމްބެއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަބްދުލްކަރީމް އާދަމް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، ޖޫން 18، 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. އޭގެ ފަހުން ޖުލައި 16، 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔާ ކުރައްވަންދެން ހިދުމަތް ކުރައްވަމުން ގެންދެވީ ސިއްހީ ދާއިރާގައެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ކަރީމްބެ އިއްޔެ އަވަހާރަވީ އިރު އުމުރަކީ 80 އަހަރެވެ.

ކަރީމްބެގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު މއ. އާސަހަރާ މިސްކިތުގައި އޮންނަ އިރު މައްޔިތާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 3:00 އިންނެވެ.