އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން 1000 ޑޮލަރު ބޭންކު މެދުވެރިކޮށް ހޯދޭނެގޮތް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭނެ ކަމަށެވެ. ހަމައެފަދައިން އަންނަ މަހުގެ އެއްވަން ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ވެސް 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ ދަންނަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޑޮލަރު ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ބަދަލު ގެނެސް ރިސޯޓްތަކުން ބޭންކށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހދާފައެވެ. މިއާއެކު ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ބުނެފައި ވީ ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއިން މައްޗަށެވެ. އެގިތުން ޑޮލަރު ލިބުމުގެ ދަތިކަމުގެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. މި ކަމާ ގުޅިގެން ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޑޮލަރު ގަންނަން ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރަށް ވަންނަން ނުޖެހޭ ހިސާބަށް ދިއުމުން ބްލްކެ މާކެޓްގައި ޑޮލަރުގެ އަގު ވެއްޓިގެން ދާނެ ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތައް ސަރުކާރުން ހިއްސާޚޮށްފައިވާ އިރު، އެ ފައިދާތައް ލިބެން ފަށާނީ އަންނަ އަހަަރުން ފެށިގެންނެވެ. އެ ފައިދާގެ ތެރޭގައި 2026 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަރު މާރުކުރެވުމާއި 2026 ގެ ފުރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރުމާއި، 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރުން ހިމެނެއެވެ.