އެމެރިކާގެ ރިޔާސީ އިންތިހާބަށް 2 މަހެއްހާ ދުވަސް އޮތްއިރު ޔަގީންވާ އެއް ކަމަކީ، 2 ވަނަ ދައުރަކަށް ފައި ވިއްދަވައިގެން ހުންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މަގުބޫލުކަން އިންތިހާއަށް ފަނޑުވެފައިވާކެވެ. ޚުދު ޓްރަމްޕްވެސް އެކަން ގަބޫލުކުރައްވައެވެ.

"އެއްވެސް މީހަކު އަޅުގަނޑާ ގަޔާއެއް ނުވޭ"، މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އެމެރިކާގެ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް ތައުރީފު އޮހެމުންދާއިރު، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ޓްރަމްޕް ވިދާޅުވިއެވެ.

"ހުރިހާވެސް ކަމަކީ އަޅުގަނޑުގެ ޒާތީ މިޒާޖު. އިތުރު ކަމެއް ނެތް" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ގަދަވެ، އިގުތިސޯދު އިނދަޖެހުމުގެ ތުންފަތް މައްޗަށް ވެއްޓި، ނަސްލީ ފަރަގުތަކާއެކު ދާހިލީ މަސްރަހު ނުތަނަވަސްވެފައިވާ އެމެރިކާގެ ރައީސްގެ ކުރިމަގު ބަނަކަން މިއަދު ޓްރަމްޕް އަމިއްލަފުޅަށްވެސް ގަބޫލުކުރައްވައެވެ. ގައުމުގެ ލީޑާޝިޕުން އޭނާ ބާކީ ވެފައިވާ މިންވަރު އަމިއްލަ ފުޅަށްވެސް ވަޒަން ކުރެވޭ ދަރަޖައަށް ކަންކަން ވަނީ ގޯސްވެފައެވެ.

ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ބައިއަތު ހިފާފައިވާ ފަރާތްތަކުންވެސް މިއަދު ޓްރަމްޕާ ދެކޮޅަށް ވަކާލާތު ކުރައްވަނީ ފާޅުގައެވެ. ޓްރަމްޕްގެ ނިންމެވުންތަކަށް ގޮންޖައްސަވާ، ހަޖޫ ޖައްސަވައެވެ.

އިތުރު ކަމަކަށް ބަލާއިރު، އެމެރިކާގެ މަދަނީ ހައްގުތަކުގެ ބާނީގެ ގޮތުގައި ސިފަކުރަމުން އައި މަޖިލިސް މެމްބަރު ޖޯން ލުވިސްގެ ޖަނާޒާގައި، ޓްރަމްޕްގެ ކުރިން އެމެރިކާގެ ވެރިކަން ކުރެއްވި 4 ރައީސުން ފެނިގެންދިޔައިރު، އެ ތަނުގައި ޓްރަމްޕް ނެތުމަކީވެސް ޓްރަމްޕް ބާކީވެފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމުގައި ބުނެވިދާނެއެވެ.

މިއަދު އެމެރިކާއަށް ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ އަދި މާލީ މައްސަލަތަކުން އަރައިގަތުމަށް ތައާރަފު ކުރާ ސްޓިމިއުލަސް ޕެކޭޖުތަކުގެ މަޝްވަރާތައް، މަޖިލިސް ކުރާ ގޭގައި ކުރިއަށްދާއިރު ޓްރަމްޕް ވަނީ ހަވާސާވެފައެވެ. މިދަނޑިވަޅުގައި ޓްރަމްޕް ހުށަހަޅުއްވާ ބައެއް ހުށަހެޅުންތަކުން ރިޕަބްލިކަންސް މެމްބަރުންނަށްވެސް ސިހުން ގެނުވައެވެ.

ކުރިއަށް އޮތް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ފަރާތްތަކުން ވަގު ވޯޓު ކަރުދާސް އުފައްދާ މައްސާލާގައި ކުރިއަށްދިޔަ ސިއްރު ބައްދަލުވުމެއްގައި، ޓްރަމްޕްގެ ޖާސޫސީ އޮފިޝަލުން ވަނީ އެއީ މާ ބޮޑު ކަމެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން އަމަލު ކުރައްވާފައެވެ. ކަންމިހެން އޮތްއިރު، ޓްރަމްޕްގެ ސަޕޯޓަރުން މިފަހަރު ވޯޓުލާން ނިކުންނާނެ ކަމާ މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.

މި އެކަހެރިކަމުން އަރައިގަތުމަށް ޓްރަމްޕް މަސައްކަތް ކުރައްވާ ވަރަކަށް، ގިނިކަންޏާ ކުރައްވަންޖެހޭ ހަނގުރާމައަށް ފުރުސަތު ބޮޑުވާ ކަމަށް ބުނެވިދާނެއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.