މީލާދީން 1990 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހެވެ. އިރާގުން އެ ގައުމުގެ އަވަށްޓެރި ކުވައިތަށް އަރާ އެ ގައުމަށް އަތްގަދަ ކުރިއެވެ. މިއާއެކު އުފެދިގެން ދިޔައީ ސިޔާސީ އަދި އަސްކަރީ ގޮތުން ވަރުގަދަ ތޫފާނެކެވެ. ކުރިމަތިވީ ޖިއޮޕޮލިޓިކްސްގެ ނަޒަރުން ބަލާއިރު ވަރުގަދަ ބިންހެލުމެކެވެ. އެ ތޫފާނާ ބިންހެލުމުގެ އަސަރާ ލޮޅުންތައް މިއަދުވެސް ފިލާ ނުދާ ވަރުގެ، ގަދަފަދަ ހަނގުރާމައެކެވެ. އިރާގާ ކުވައިތުގެ ހަނގުރާމައަކީ ދިވެހިންނަށްވެސް އާ ހަނގުރާމައަކަށް ނުވާނެއެވެ. އެ ދުވަސްވަރުގެ ތަދުތަކާ ވޭން ތަޖުރިބާކުރި ހަރު އުމުރުގެ މީހުން މިހާރުވެސް ގަދަ ފަދަކޮށް އެބަ އުޅެއެވެ.

އިރާގުން ކުވައިތަށް އަރާ ހިންގި ޖަރީމާތަކަކީ އަސްކަރީ އިސްތިރާޖުތަކަށް ބަލާއިރު އިރާގަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އިރާގަށް މުޅި މެދުއިރުމަތީގެ ކޮންޓްރޯލް ގެއްލުވާލި ނުރައްކާތެރި ފިޔަވަޅެކެވެ. އޭރު އިރާގުގެ ނުފޫޒުގަދަ ލީޑަރެއްގެ ގޮތުގައި ހުންނެވި ސައްދާމް ހުސައިންގެ ފުރާނަވެސް، އޭގެ 16 އަހަރު ފަހުން އެކަމުގައި ގެއްލިދިޔަ ދަންތުރާގައި ޖެއްސި ފިޔަވަޅޭވެސް ބުނެވިދާނެއެވެ.

1961 ވަނަ އަހަރު މިނިވަން ގައުމެއްގެ ގޮތުގައި ކުވައިތު އުފެދިގެން އައި އައުން ވީ، އިރާގަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނޫނެވެ. އެ ހަގީގަތް ގަބޫލު ކުރުމަށް އިރާގަށް ދަތިވިއެވެ. ކުވައިތަށް މިނިވަންކަން ލިބުމާއެކު، އެ ފަސްގަނޑަށް އަތްގަދަ ކުރުމަށް އިރާގު ކެތްމަދުވިއެވެ. ކުވައިތުގެ ސަރަހައްދުތައް އިރާގުގެ މުށުތެރެއަށް ލުމަށެވެ.

ކަންމިހެން އޮތްއިރު، ކުވައިތުގެ މައްޗަށް އިރާގު ވެރިވާން ބޭނުންވެފައި އޮތް މިންވަރު ގުޅެނީ، އިރާގާއި އިރާނުގެ ހަނގުރާމައާއިވެސް ދެންނެވިދާނެއެވެ. އެއީ މީލާދީން 1980 ވަނަ އަހަރެވެ. އަވަށްޓެރި އިރާނު ހިފަން އިރާގު ނިކުތެވެ. ވަރުގަދަ ލޭ އޮހުރުވުމަކަށް ބަދަލުވި ހަނގުރާމަ 8 އަހަރެއްހާ ދުވަހަށް ދެމިގެން ދިޔައެވެ. ހަނގުރާމަ ނިންމާލީ ވަކި ފަރާތަކަށް ކާމިޔާބު ނުލިބެއެވެ. އާޔަތުﷲ ޚުމައިނީގެ ފިކުރާ އިންގީލާބީ ނުފޫޒު ވަރުގަދަ ކުރަމުން ދިޔަ މަންޒަރު، ކުވައިތާ ސައުދީ އަރަބިއްޔާއިން ދިޔައީ ބަލަމުންނެވެ. އެއްބާރުލުން ދިނީ އިރާގަށެވެ. އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދިނެވެ. 1982-83 ގެ އަހަރުތަކުގައި އިރާގަށް އެންމެ ބޮޑަށް އެހީވީ ގައުމަކީވެސް ކުވައިތެވެ.

1988 ވަނަ އަހަރާ ހިސާބަށް އާދެވުނު އިރު އީރާނާ އިރާގުގެ އިގުތިސޯދު ހަފުސްވެއްޖެއެވެ. ސައްދާމް ހުސައިންގެ ސަމާލުކަން ހުއްޓިފައި އޮތީ ކުވައިތުގެ އިގުތިސޯދީ ތަނަވަސްކަމާ ދިމާލަށެވެ. ހަނގުރާމައިގެ ތެރޭގައި ބަގުދާދުން މަޖުބޫރުކުރިވި ދަރަނި ހަލާސް ކުރާނެ ތިޖޫރީއެއްގެ ގޮތުގައި ސިފަވަމުން ދިޔައީ ކުވައިތުގެ މިލްކިއްޔާތެވެ.

ހަނގުރާމައެއް ފެށިދާނެ ކަމުގެ އިޝާރާތެއް ފުރަތަމަ ލިބުނީ 1990ގެ މެދެއްހާ ހިސާބުގައެވެ. އެއީ، އިރާގާ ކުވައިތު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ރުމައިލާ ތެޔޮ ބިންތަކުން ކުވައިތުން ތެލުގެ ވަގުވިޔަފާރި ކުރާ ކަމުގެ ދޮގު ބަދުނާމު، އިރާގުގެ ލީޑަރު ކުވައިތަށް އަމާޒުކުރެއްވި ހިސާބުންނެވެ. އިރާގުން އީރާނާ ދެކޮޅަށް ހަނގުރާމަށް ނިކުތީ މުޅި އަރަބި ދުނިޔޭގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އޭރު ބޭރު ގައުމުތަކަށް އިރާގުން ދަރާފައިވާ ދަރަނީގެ އަގު 30 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އެ ދަރަނި ހަލާސް ކޮށްދޭންޖެހޭ ބަޔަކީ ކުވައިތާ ސައުދީ އަރަބިއްޔާ ކަމަށް ސައްދާމް ޑިމާންޑް ކުރެއްވިއެވެ.

އިރާގު-ކުވައިތު ހަނގުރާމައިގެ ތެރޭގައި އިރާގުގެ ލީޑަރު ސައްދާމް ހުސައިން، އިރާގުގެ އަސްކަރިއްޔާއާއި ބައްދަލުކުރައްވަނީ/ފޮޓޯ: އޭއެއެފްޕީ

އެވަރުން ނިންމާލެއްވީއެއް ނޫނެވެ. ތެލުގެ އަގުތައް ދަށް މިންވަރެއްގައި ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއާއި ކުވައިތުން ރާވާ ކަމަށް ތުހުމަތު ކުރައްވާ، ރުޅި އިސްކުރެއްވިއެވެ. އެކަމަކީ އިރާގުގެ ތެލުގެ މުއްސަނދިކަމުންވެސް މަންފާއެއް ލިބެން އޮތް މަގަށް އެޅުނު ހިޔަންޏެއް ކަމަށް ގަބޫލުކުރައްވާ، ރުޅިވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. ކުވައިތުގެ އިސްތިގުލާލާ މެދު ސުވާލު އުފެއްދެވިއެވެ. ކުވައިތަކީ އިރާގުގެ ފަސްގަނޑުން އިނގިރޭސިން ކުރަހާލި "މަސްނޫއީ" ގައުމެއް ކަމަށް އިރާގު ސަރުކާރުން ބުނަމުންދިޔައެވެ. ކުވައިތާ އިރާގު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އަސްކަރީ ސަފުތައް ރުކުރުވާން ފެށީ 1990ގެ ޖުލައި މަހުގެ ތެރޭގައެވެ.

ކުވައިތު ހިފުމަކީ، އިރާގުގެ ދަރަނި ހަލާސްވުމުގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި ލިބުނު ގެއްލުމާ ސުންނާފަތިވެފައިވާ އުމްރާނީ ބިނާވެށި ކޮޅަށްޖެހުމަށް ރައްޔިތުންނަށް ސަރުކާރުން ވީ ވައުދު ފުއްދުމަށް އޮތް މަގުކަމަށް އިރާގަށް ސިފަވި ކަމަށް މުރާސިލުން ގަބޫލުކުރެއެވެ. ނަތީޖާއަކަށްވީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 ޕަސެންޓް އިރާގުގެ ދަށަށް ދިއުމެވެ. އަދި އަރަބި ގަލްފްގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް އިރާގުގެ މުށުތެއަށް ދިއުމެވެ.

މި ނުރައްކަލުގެ އިންޒާރު މުޖުތަމައަށް އެންމެ ފުރަތަމަ ދެއްވި ލީޑަރުންގެ ތެރޭގައި މިސްރުގެ ރައީސަކަށް ހުންނެވި ހުސްނީ މުބާރަކްގެ ނަންފުޅު ފާހަގަކުރަންޖެހެއެވެ. ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން ބައި ބަހައިގެން ކުރާނެ ވަރުގަދަ ހަނގުރާމައަކަށް މިކަން ބަދަލުވެދާނެ ކަމުގެ އިންޒާރު މުބާރަކު ދެއްވިއެވެ. އަދި އިރާގާ ކުވައިތާ ދެމެދު މަޝްވަރާތައް ފައްޓަވާދެއްވިއެވެ. ނަމަވެސް މަޝްރާތައް ފެށުމާއެކުހެން، ސައްދާމް އެ މަޝްވަރާތައް ދޫކޮށްލައްވައިފިއެވެ. މީގެ 30 އަހަރު ކުރިއެވެ. 1990 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހަށް އަލިވިލެނީއެވެ. މެންދަމުން އަނބުރާ 02:00 ގައި އިރާގު އަސްކަރިއްޔާގެ އެންމެ ވަރުގަދަ ޑިވިޝަން ތަކުގެ ތެރެއިން 4 ޔުނިޓެއް އިރާގަށް އަރާ، ހަނގުރާމަ ފެށިއެވެ.

މި ފައުޖުތައް އޮތީ އިރާގު އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްއާއިވެސް ގުޅިފައެވެ. ކުވައިތުގެ ކޮންޓްރޯލް ނެގުމަށް އިރާގުން ދިޔައީ އެމެރިކާއާއި ރަޝިއާއިން ތައްޔާރުކޮށްފައިވާ ޒަމާނީ އަސްކަރީ އާލާތްތަކުގެ ބޭނުން ހިފަމުންނެވެ. އެއްގަމާ، ކަނޑާ ވައިގެ މަގުން ބާރުގަދަ ކުރަމުންދިޔައެވެ. ހަތިޔާރާ އިންސާނީ ވަސީލަތުގެ ގޮތުން ކުވައިތުގެ ގާބިލުކަން އިރާގު އަސްކަރިއްޔާއަށްވުރެ ދެރައެވެ. ނަމަވެސް، ކުވައިތުންވެސް ދިޔައީ ކުރެވުނު ގޮތަކަށް ގައުމުގެ މިނިވަންކަން ދިފާއު ކުރަމުންނެވެ. އެވަރުންވެސް އިރާގުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

ކުވައިތުން އިރާގު އަސްކަރިއްޔާ ބާލާފައިވަނީ ދުނިޔޭގެ ބާރުތަކުގެ ގުޅިފައިވާ ފައުޖުތަކުންވެސް ހަނގުރާމަ ކޮށްގެން/ފޮޓޯ: ގަލްފް ނިއުސް

ކުވައިތުގެ އަމީރު ޝައިހު ޖާބިރު އަލް އަހްމަދު އަލް ސޮބާހް، ސައުދީ އަރަބިއްޔާއަށް ހުރަސް ކުރެއްވިއެވެ. އަދި ގައުމުން ބޭރުގައި ސަރުކާރު ހިންގަވަން ފެއްޓެވިއެވެ. އޭރުވެސް ކުވައިތުގައި ހަމަލާ ބަދަލު ކުރުންތައް ދިޔައީ ކުރިއަށެވެ. އަމީރުގެ ކޮއްކޯފުޅު ޝައިހް ފަހަދު އަލް ސޮބާހްވެސް އަވަހާރަކޮށްލައިފިއެވެ. އެންމެ ވަރުގަދަ ކުރިމަތިލުންތައް ކުރިއަށް ދިޔައީވެސް އަމީރުގެ ރަސްމީ ގެކޮޅު ހިމެނޭ ސަރަހައްދުގައެވެ. އޯގަސްޓް މަހުގެ 2 ވަނަ ދުވަސް ނިމުނުއިރު ކުވައިތުގެ އަސްކަރީ ބާރުތައް މުޅިހެން އިނދަޖެހިއްޖެއެވެ.

އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ފަތިހާ ހިސާބަށް އާދެވުނުއިރުވެސް ކުވައިތުން ދިޔައީ ވީ ގޮތަކުން ގައުމު ދިފާއު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ގައުމަށް ބޭނުންވާ އަސްކަރީ ބާރުވެރިކަން އިމްޕޯޓް ކުރަމުންދިޔައީ ސައުދީ މަގުންނެވެ. ކުވައިތުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަސްކަރީ ވައިގެ މަރުކަޒު އިރާގުގެ ބާރުގެ ދަށަށް ދިޔައީ މި ދުވަހުއެވެ. މިއާއެކު، ސަލާމަތްވާނެ ހުރިހާ އުއްމީދެއް ވިއްސި ވިހާލިވިއެވެ.

އިސާހިތަކު އިރާގުން ކުވައިތު ހިފަން އަތުކުރި އޮޅާލިއެވެ. އިރާގުން ކޮންޓްރޯލް ކުރަމުންދިޔަ ރޭޑިއޯ މެދުވެރިކޮށް، އިރާގުގެ ގޮނޑިކޮއްކޮ ސަރުކާރެއް އެކުލަވާލިކަން އިއުލާން ކުރިއެވެ. ސަރުކާރުގައި ތިބީ އަލް ސޮބާހުގެ އާއިލާއާއި ދެކޮޅު މެމްބަރުންނެވެ. ނަމަވެސް އޭރު ކުވައިތުގެ ޓީވީން ދިޔައީ އެގައުމުގެ ވަލީ އަހުދު ސޯދު ޢަބްދުﷲ އަލް ސޮބާހުގެ ތަގުރީރެއް ބްރޯޑްކާސްޓްކުރަމުންނެވެ. އޭނާ ގޮންޖައްސަވަމުން ދިޔައީ އިރާގުގެ ބާރުތަކަށް މަރުގެ ރަހަ ދައްކާލުމަށެވެ.

ނަތީޖާއަކަށްވީ ސިޔާސީ މައިދާނުގައި ސައްދާމުގެ ބާރު ކެނޑުމެވެ. އަރަބި ލީގުގެ ތާއީދު ގެއްލުމެވެ. އަރަބި ދުނިޔޭގެ ތާއީދު ގެއްލުމެވެ. އަރަބި ލީގުން ދިޔައީ އެއްވެސް ޝަރުތަކާ ނުލާ އިރާގުން ކުވައިތު ދޫކޮށްލުމަށް ޑިމާންޑް ކުރަމުންނެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަގާމުގައި އޮތް އެމެރިކާ، ރަޝިއާ އަދި އިނގިރޭސިވިލާތުންވެސް ދިޔައީ އިރާގަށް ލެވުނު ހާ ހަޅޭކެއް ލަވަމުންނެވެ. އިރާގުގެ ބާރުތަކުން ކުވައިތުގެ ފަސްގަނޑުން ފޭބުމަށް އދއިން އޯގަސްޓް 3 ވަނަ ދުވަހު ގޮވާލިއެވެ. އިރާގުގެ މުށު ތެރޭގައި އޮތް ކުވައިތު މިނިވަން ކުރުމަށް، ސައުދީގެ ފަހަދު ބިން ޢަބްދުލް ޢަޒީޒު ރަސްގެފާނާ، އެމެރިކާގެ އިތުރުން ނޭޓޯގެ ބާރުތަކުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންވެ. އެވަރުންވެސް ބާރުގަދަ ކުރަމުންދިޔައީ ސައްދާމެވެ. ކުވައިތަކީ އިރާގުގެ 19 ވަނަ ޕްރޮވިންސް ކަމުގައި ސައްދާމު އިއުލާން ކުރެއްވީ އޯގަސްޓް 8 ވަނަ ދުވަހުއެވެ.

އިރާގު-ކުވައިތު ހަނގުރާމައިގެ ތެރެއިން/ފޮޓޯ: ގަލްފް ނިއުސް

1990 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. އިރާގުން ކުވައިތު ދޫކޮށްނުލައިފިނަމަ ކުރެވެން އޮތް ހުރިހާ ބާރެއްގެ ބެނުން ކޮށްގެންވެސް އެކަން ކުރުވުމަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުވައިތުގެ ދިފާއުގައި ސަފުތައް ރުކުރުވާލިއިރު، ބައެއް ގައުމުތަކުން އިރާގަށްވެސް އެއްބާރުލުން ދިނެވެ. ނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މައްޗަށް އިރާގަށް ކުރި ހޯދޭ ގޮތް ނުވެއުޅެނިކޮށް، ހަމަލާ ބަދަލު ކުރުން ހުއްޓާލާ، ހަނގުރާމަ ނިމުމަކަށް އައިކަން އެމެރިކާގެ އޭރުގެ ރައީސް ޖޯން އެޗް ޑަބްލިއު ބުޝް އިއުލާން ކުރެއްވީ 1991 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއްވެސް ޝަރުތަކާ ނުލާ ކުވައިތުން ފައިބާ، ކުވައިތުގެ އިސްތިގުލާލު ބަލައިގަތުމަށް އިރާގަށް މަޖުބޫރުވިއެވެ.

ހަނގުރާމަ ނިމުމަށް އައެއް ކަމަކު ގަލްފް ސަރަހައްދުގެ ހަމަނުޖެހުންތައް ދިޔައީ ކުރިއަށެވެ. އެމެރިކާއާއި ގުޅިފައިވާ ބާރުތަކުން ދިޔައީ އިރާގަށް ފަރާލަމުންނެވެ. ޑިމާންޑުތަކަށް އަމަލު ކުރުމަށް އިރާގުން ފެއިލްވުމާއެކު އެމެރިކާއިން އިރާގަށް އެރިއެވެ. އަދި 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސައްދާމް ހުސައިން ހައްޔަރުކޮށް، 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސައްދާމް ހުސައިން ދަންޖައްސާ، މަރާލިއެވެ. އަދި 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމެރިކާއިން އިރާގުގައި ދެމި އޮތެވެ.