ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްގައި ބެދިފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށް ލުމަށް މެލޭޝިއާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ނަޖީބުގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ 7 ދައުވާގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް، އެ ގައުމުގެ ހައި ކޯޓުން މިއަދު ކުރި ހުކުމާއެކުގައެވެ.

މިއާއެކު ނަޖީބު ވެފައިވަނީ މެލޭޝިއާގެ ތާރީހުގައިވެސް އެގައުމުގެ ލީޑަރެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވި ފުރަތަމަ ލީޑަރަށެވެ.

12 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ފަނޑިޔާރު މުޙައްމަދު ނަޒްލާން ގަޒާލީ ވަނީ، އިސްތިއުނާފީ މަރުހަލާތައް ހުސްވަންދެން، ނަޖީބުގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް އަންގަވާފައެވެ.

ޝަރިއަތް ކުރިއަށްދިޔަ ހައިކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނަޖީބު ވަނީ، ހުކުމާ މެދު އެއްވެސް ވަރަކަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެއެވެ.

12 އަހަރު ދުވަހުގެ ޖަލު ހުކުމަކީ މަގާމުގެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިތްޕެވިކަމުގެ ކުށުގައި އިއްވުނު ހުކުމެކެވެ. މީގެ އިތުރުން އިތުބާރު ގެއްލުވާލުމުގެ ޖިނާއީ ޖަރީމާގެ 3 ދައުވާއަކަށް 10 އަހަރު އަދި މަނީ ލޯންޑާ ކުރުމުގެ 3 ދައުވާއަކަށް 10 އަހަރު ގެ ޖަލު ހުކުމެއްގެ އިތުރުން، 210 މިލިއަން ރިންގިޓްގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ނަޖީބުގެ މައްޗަށް ފަނޑިޔާރު ހުކުމް ކުރެއްވިއެވެ. ނަމަވެސް، މިހުރިހާ ހުކުމެއް އެކު އެކީގައި ގަނޑުކޮށް ތަންފީޒު ކުރުމަށްވެސް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

"މެލޭޝިއާގެ ނިޒާމު އޮންނަ ގޮތުން ހައިކޯޓަކީ ފުރަތަމަ ކޯޓު. ނިންމުން ނިންމެވީ އެންމެ ފަނޑިޔާރެއް. އިސްތިއުނާފުގެ އެޑްވާންޓޭޖު އެބައޮތް"، ކިލަނބުވެފައި ނަން ސާފު ކުރައްވާނެކަމަށް ވައުދުވެވަޑައިގެން ވާހަކަދައްކަވަމުން ނަޖީބު ވިދާޅުވިއެވެ.

ނަޖީބުގެ މައްޗަށް މިއަދު ހުކުމް ކޮށްފައިވަނީ 1 މެލޭޝީއާ ޑިވަލޮޕްމަންޓް ބާހާޑް (1އެމްޑީބީ)ގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލްއާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލާގައެވެ. ނަޖީބު ގެންދަވަނީ ހިޔާނާތުގެ ދައުވާތަކަށް އިންކާރު ކުރައްވަމުންނެވެ. ނަޖީބު ވިދާޅުވާ ގޮތުގައި އޭނާގެ މާލީ މުޝީރުން ހީލަތް ހެދީއެވެ.