ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ބްރެޒިލްގެ ސަރުކާރުން މި ބަލިމަޑުކަމުގައި އަމަލު ކުރަމުންދަނީ، އިންސާނީއްޔަތާ ދެކޮޅަށް ޖީނާއީ ޖަރީމާ ހިންގާ އުސޫލުން ކަމަށް ބުނެ، ރައީސް ޖެއީރު ބޮލްސޮނާރާގެ ސަރުކާރުގެ މައްސަލަ ބަލައިދިނުމަށް، ބްރެޒިލްގެ ސިއްހީ ހިދުމަތްތެރިން ތަމްސީލު ކުރާ އިއްތިހާދުތަކުން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި އެދިއްޖެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދަނީ ބްރެޒިލްއިންނެވެ. މަރުގެ ރިޕޯޓްތައްވެސް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކުރަމުން ދަނީ ބްރެޒިލްއިންނެވެ.
ބޮލްސޮނާރޯގެ ސަރުކާރާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިންގެ އިއްތިހާދުތަކުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބްރެޒިލްގެ ސަރުކާރު އިހުމާލުވެފައިވަނީ ޖިނާއީ ޖަރީމާއެއްގެ ދަރަޖާގައި ކަމަށާ، މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނާ ބްރެޒިލްގެ އާބާދީގެ މެމްބަރުންގެ ފުރާނައަށް ނުރައްކާ ވެފައި ވާ ކަމަށެވެ.
މިއީ ސިއްހީ ބަލިމަޑުކަމެއްގައި ގައުމެއްގެ ސަރުކާރުން މިދަރަޖައަށް އިހުމާލުވެގެން މިފަދަ ގޮތަކަށް ހުށަހެޅުނު މައްސަލަކަމަށް ގަބޫލު ކުރާ ކަމަށްވެސް އިއްތިހާދުތަކުން ގަބޫލުކުރާ ކަމަށް، އެ ފަރާތުން އާންމު ކުރި ބަޔާނުގައިވެއެވެ.
2002 ވަނަ އަހަރު އުފެއްދި އައިސީސީއަކީ، ހަނގުރާމައިގެ ޖަރީމާތަކާ، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖިނާއީ ޖަރީމާތަކާ، ގަތުލު އާންމު ފަދަ މައްސަލަތައް ބެލުމަށް ބައިނަލްއަގުވާމީ ހައިސިއްޔަތުގައި އެކުލަވާލާފައިވާ ކޯޓަކަށްވާއިރު، ބްރެޒިލްގެ ސިއްހީ ހިދުމަތްތެރިންގެ އިއްތިހާދުތަކުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް އައިސީސީއަށް ލާޒިމެއް ނުވާނެއެވެ.
ބްރެޒިލްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.44 މިލިއަނަށްވުރެ މައްޗަށް އަރާ، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 87737 އަށް އަރާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ހޮސްޕިޓަލުތައް ފުރި، ކެޕޭސިޓީ ހައްދު ފަހަނައަޅާ ގޮސްފައިވާއިރު، އިތުރު ސަރަހައްދުތަކުން ޕީކްތައް ރެކޯޑް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.
ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "ކުޑަވަރެއްގެ ރޯގާ"އެއް ކަމަށް ވިދާޅުވެ، ދުރާލާ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. ޖުލައި 7 ވަނަ ދުވަހު ޚުދު ބޮލްސޮނާރޯވެސް ކޮވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް، މިހާރު ވިދާޅުވަމުން ގެންދަވަނީ އެ ބައްޔަށް ނެގެޓިވް ކަމަށެވެ.