މެލޭޝިއާގެ ތާރީހު ދުށް ހިޔާނާތުގެ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ބަލަމުން ދިޔަ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން ދައުވާތައް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތު ވާ ކަމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

ނަޖީބު ރައްޒާގާ ދެކޮޅަށް އުފުލި 7 ދައުވާއެއްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ނަޖީބު ވަނީ އިތުބާރު ގެއްލޭ ގޮތަށް ޖިނާއީ ޖަރީމާ ހިންގެވި ކަމަށާ، ކަޅުފައިސާ ދޮވުން ނުވަތަ މަނީ ލޯންޑާ ކުރެއްވި ކަމަށާ، މަގާމުގެ ނާޖައިޒު ބާރުގެ ބޭނުން ކުރެއްވި ކަމަށް އޭނާއާއި ދެކޮޅަށް އުފުލި ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަންގެ ހުރިހާ ދައުވާއެއް ވަނީ ސާބިތު ކުރުމުން ސަޕޯޓަރަކު ހިތާމަ ފާޅުކުރަނީ/ފޮޓޯ: އޭއެފްޕީ

2009 އިން 2018 ވަނަ އަހަރުގެ ނިޔަލަށް މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ނަޖީބު ރައްޒާގާ ދެކޮޅަށް މެލޭޝިއާއިން ހިންގަމުންދާ ތަހުގީގުތަކަކީ، ކޮރަޕްޝަނާ ދެކޮޅަށް މެލޭޝިއާއަށް ކުރިމަތިލާންޖެހިފައިވާ ބޮޑު އިމްތިހާނެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

މިހާރު ނަޖީބުގެ މައްޗަށް ސާބިތުވި ކުށްތަކާއެކު އެތައް އަހަރެއްގެ ޖަލު ހުކުމް އޭނާގެ މައްޗަށް އަންނާނެއެވެ. ނަމަވެސް، އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، އޭނާ އަދި ހުންނަވާނީ ޖަލުން ބޭރުގައި ކަމަށް ބެލެވެއެވެ.

7 މައްސަލައެއްގައި ނަޖީބުގެ ކުށް އޮތް ކަމަށް މެލޭޝިއާގެ ހައި ކޯޓުން ސާބިތުކޮށްފައިވާއިރު، މިއިން ކޮންމެ ހުކުމަކަށް 15-20 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ނަޖީބާ ދެކޮޅަށް މިއަދު ސާބިތު ކޮށްފައިވަނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ އަގު ހުރި ކޮރަޕްޝަންގެ ދައުވާތަކެއް ކަމަށްވާއިރު، ނަޖީބު ގެންދަވަނީ އެކަމުގައި އޭނާ ގޯސް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާއަށް އޮޅުވާލުންތަކެއް އޮޅުވާލީ މާލީ މުޝީރުން ކަމަށާ، ވަކިން ހާއްސަކޮށް، މިހާރު ގައުމަށް ފިލައިގެން އުޅޭ ޖޯ ލޯވް ކަމަށް ނަޖީބު ވަނީ ވިދާޅުވެފައެވެ.

ޖޯ ލޯއާއި ދެކޮޅަށް މެލޭޝިއާ އަދި އެމެރިކާއިންވެސް ދައުވާތަކެއް ކުރާއިރު، އޭނާވެސް ދަނީ މި ކަމުގައި އޭނާގެ ކުށެއް ނެތް ކަމަށް ބުނަމުންނެވެ.