ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ ސައިކަލު ބުރުޖައްސަވަން ވަޑައިގެން، މާސްކެއް ނެތި، ދޮރުފާރަވެރިންނާ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ވާހަކަދެއްކެވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ކޮވިޑް-19 އަކީ މާ ސީރިއަސް ނޫން ބައްޔެއް ކަމަށް ވިދާޅުވަމުން ގެންދެވި ބޮލްސޮނާރޯ މި ބައްޔަށް ޕޮޒިޓިވްވިކަން އެންމެ ފުރަތަމަ ހާމަވީ ޖުލައި 7 ވަނަ ދުވަހުއެވެ. އެއަށްފަހު، މިދިޔަ ބުދަ ދުވަހުވެސް ބޮލްސޮނާރޯ ހެއްދެވި ޓެސްޓު ވަނީ ކޮވިޑް-19އަށް ޕޮޒިޓވްވެފައެވެ. ބޮލްސޮނާރޯ ކަރަންޓީނުގައި ހުންނަވަނީ އަލްވޮރާދާ ޕެލަސްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދައުރުވަމުންދާ މަންޒަރުތަކުން ފެންނަނީ ގަނޑުވަރުގެ ގޯތި ތެރޭގައި ބޮލްސޮނާރޯ ސައިކަލު ބުރުޖައްސަވާ މަންޒަރެވެ. އަދި އެ ގޯތި ތެރެއަށް އެޅިފައިވާ ފަތްތަކެއް ހޮވަން ތިބޭ މުވައްޒަފުންތަކަކާވެސް ބޮލްސޮނާރޯ ވާހަކަދައްކަވާފައިވާކަމަށާ، އެކަން ކުރެއްވިއިރު ބޮލްސޮނާރޯވެސް، އަދި މުވައްޒަފުންވެސް ތިބީ މާސްކުގައި ނޫންކަމަށްވެއެވެ.

ބޮލްސޮނާރޯއަކީ ކޮވިޑް-19 އިން ދިފާއުވުމަށް ޖިސްމާނީ ގައިދުރުކަމާ އެއްވުންތަކާ ދުރުވުން ފަދަ ފިޔަވަޅުތަކަށް ފާޅުގައި އިންކާރު ކުރައްވަމުން ގެންދަވާ ލީޑަރެކެވެ.