2021 ވަނަ އަހަރަށް ފަސްކޮށްފައިވާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރޭގައި، އެ ގައުމުގައި ކުރިއަށް ގެންދަން ބޭނުންވަނީ، 4 ބައިކުޅަ 1 ބައި މީހުން ކަމަށް ކިޔޯޑޯ ނިއުސްއިން ޝާއިއުކުރި ސާވޭއެއް ބުނެފިއެވެ.

އަންނަ އަހަރުގެ ޖުލައި 23 އަށް ފަސްކޮށްފައިވާ ސަމާ އޮލިމްޕިކްސް ކުޅިވަރު މިބާރާތް ކުރިއަށް ގެންދިއުމަށް ތާއީދު ކޮށްފައިވަނީ ޖަޕާނުގެ ރަށްވެހިންގެ ތެރެއިން 23.9 ޕަސެންޓް މީހުން ކަމަށް މި ސާވޭ ބުނެއެވެ. އަދިވެސް އިތުރަށް މުބާރާތް ފަސްކުރުމަށް 36.4 ޕަސެންޓް މީހުން ބުނެފައިވާއިރު، މި ބަލިމަޑުކަމާއެކު ކުޅިވަރު މުބާރާތް ކެންސަލް ކުރަން ފެންނަ ކަމަށް 33.7 ޕަސެންޓް މީހުން ވަނީ ބުނެފައެވެ.

ސަބަބެއް ކަމުގައި ބުނަނަނީ، އެހާ ތަނަށްވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވުމެވެ. އަދި މިހާލަތުގައި ޖަޕާނުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަކީ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުން ކަމަށްވެސް ޖަޕާނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

"2020 ޓޯކިޔާ އޮލިމްޕިކްސް" ކުޅިވަރު މުބާރާތް ފެށުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އަންނަ އަހަރަށް މުބާރާތް ފަސްކުރީއެވެ.

ކިޔޯޑޯ ނިއުސްގެ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ޖަޕާނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން، ވަކި އުސޫލެއް ނެތި (ރެންޑަމްކޮށް) ނެގި 1041 މީހެއްގެ މެދުގައެވެ.