ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ފަހުން، ގިނަ ގައުމުތަކަކުން އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެއް ތަނަކަށް ޖަމާވި އިވެންޓަކީ ދާދި ފަހުން ޖަޕާނުގައި ނިންމާލި އޮލިމްޕިކް ކުޅިވަރު މުބާރާތެވެ. ސުލްހަވެރި، އަދި ކާމިޔާބު އިވެންޓެއްގެ ގޮތުގައި ޓޯކިޔޯ 2020 އޮލިމްޕިކް ގޭމްސް ނިންމާ، ދަންމަރު ނިވާލި ނަމަވެސް، ޖަޕާނުގެ ރައްޔިތުންގެ ހިތްތަކުގައި، ކޮވިޑްގެ ބިރުވެރި ގިނި އަދި އަނދަން ފެށީއެވެ.

ޖުލައި 23، 2021 ގައި އޮލިމްޕިކްސް ކުޅިވަރުތައް ފެށި ފަހުން ޖަޕާނުން ކޮވިޑަށް ޕޮޒިޓިވް ވި ކޭސް ނަމްބަރު، 170000 އަށް އަރާ ކަމަށް، ރަސްމީ ރެކޯޑްތަކުން ދައްކައެވެ. 178 މީހަކު ވަނީ މިމުއްދަތުގެ ތެރޭގައި މި ދުނިޔެއާއި ވަކިވެފައެވެ. މި ހިނގާ އޯގަސްޓް މަސް ނިމެންދެން ލޮކްޑައުންގައި އޮތް ޓޯކިޔޯއިން ދަނީ، ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުންނެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 5042 ކޭސް ރިޕޯޓް ކުރިއިރު، މިއީ ކޮވިޑް ބަލިމަޑުކަމުގެ ރެކޯޑެކެވެ.

ޖަޕާނުގެ ކޮވިޑް ކޭސް ލޯޑު 1 މިލިއަންގެ ފާހަގަ ހުރަސް ކޮށްފައި ވާއިރު، މަރުވި މީހުންގެ އަދަދު 15300 އަށް ވުރެ މައްޗަށް އަރައެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަދަދުގެ ގޮތުން މަދު ނަމްބަރެއް ނަމަވެސް، ޖަޕާނުގެ ހޮސްޕިޓަލުތަކަށް މިހާރު ވަނީ އިންތިހާއަށް ބާރު ބޮޑުވެފައެވެ. ވެކްސިން ޖެހިފައި ވަނީ އާބާދީގެ އެންމެ 4 ބައިކުޅަ 1 ބައި މީހުންނަށެވެ. މުޅި ގައުމު ލޮކްޑައުން ކުރަން ގޮވާލާ އަޑު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގަދަވަމުންނެވެ.

ކަން މިހެން އޮތް އިރު، ޖަޕާނުގެ ކޮވިޑް ސާޖާއި އޮލިމްޕިކްސްއާ ގުޅުމެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް، ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީއިން ދޮގު ކުރެއެވެ. އައިއޯސީއިން ބުނަނީ، ހުރިހާ އެތުލީޓަކުންނަކީ ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޓެސްޓު ކުރާ ބައެއް ކަމަށާ، އިވެންޓްގައި ގެންގުޅެފައި ވާނީ "ބަބްލް ނިޒާމް" ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީދޭ ސޫގާވެސް، އައިއޯސީގެ ބަޔާނަށް އެއްބަސްވެވަޑައިގަންނަވައެވެ. އަދި މިހާރުގެ ސާޖަކީ، ޓޯކިޔޯ އޮލިމްޕިކްސްގެ ސަބަބުން އައި ރާޅެއްހެން ހީފުޅު ނުވާ ކަމަށްވެސް ސޫގާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، މުރާސިލުން ބުނާ ގޮތުގައި، މިކަމުގައި ވަކި ގޮތެއް ނިންމަން އަދި މާ އަވަހެވެ. ބަބްލް ނިޒާމުން ފައިދާއެއް ކުރިކަން ނުވަތަ ނޫންކަން ނިންމަންވެސް އަދި މާ އަވަސް ކަމަށެވެ.